ކުޅިވަރު

އަމާޒަކީ ނޭޕާލް ބަލިކޮށް، އީރާނާ ޗެލެންޖް ކުރުން - އަދީލް


މިމަހު މާލޭގައި ކުޅޭ ސެންޓްރަލް ޒޯން ކޮލިފިކޭޝަނާ ކުރިމަތިލަނީ މޮޅުވާންކަމަށާއި، ކުޅުންތެރިންވެސް ކޯޗިންގ ޓީމްވެސް ވިސްނުންހުރީ އެމަގަށް ކަމަށް ކޯޗު އަހުމަދު އަދީލް ( ބޭބޭ ) ބުނެފިއެވެ. 

އީރާން އަދި ނޭޕާލާއެކު ކުޅޭ ކޮލިފައިންގ މެޗުތައް އޮންނާނީ މިމަހުގެ ހަތާވީހުން 29 އަށް މާލޭގައެވެ. އަދީލް ބުނީ އީރާނަކީ ރާއްޖެއަށްވުރެ މާ ވަރުގަދަ ޤައުމެއްކަމަށާއި، ނަމަވެސް މޮޅުވާން ނޫން ގޮތަކަށް ޓީމް ނުނިކުންނާނެކަމަށެވެ. ކޮލިފައިންގައި ނޭޕާލް ބަލިކޮށް އިރާނާއި ރަނގަޅު ފައިޓެއް ދެވޭނެކަމަށް އުއްމީދުކުރާކަމަށް އަދީލް ބުންޏެވެ. ޚާއްޞަކޮށް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބޭ ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާކަމަށާއި، ޓީމް އެކުގައި ޕްރެކްޓިސް ކުރާތާވެސް ދުވަސްތަކެއްވެއްޖަކަމަށް ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

" މުބާރާތްތަކަށް ކުޅުންތެރިން ދޫކުރި ނަމަވެސް ޕްރެކްޓިސްކުރާތާ ފުދޭވަރަކަށް ދުވަސްވެއްޖެ. ދެން ޤައުމީ ޓީމްގެ ޕްރެކްޓިސް ދޭތެރެއަކުން މެދުކެނޑޭތީ އެކުލަވާލަން އެންމެ އެކަށީގެންވާ ދުވަސް ނުލިބުނަސް ޕްރެކްޓިސް ކުރަން ވަގުތު ލިބިއްޖެ. މޮޅުވާން ނިކުންނާނީ. ޤައުމީ ޓީމް ނުނިކުންނާނެ މޮޅުވާން ނޫނީ. ނޭޕާލް ބަލިކޮށް އީރާނަށް ފައިޓެއް ދިނުން ބޭނުމަކީ " އަދީލް ބުންޏެވެ.

ތިން ޤައުމު ވާދަކޮށް ކުރި ހޯދާ ޓީމަކަށް އޭޝިޔާ ބައްރުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ އޭޝިޔާ ބައްރުގެ ކޮލިފައިންގައި ވާދަކޮށް، ކުރި ހޯދައިގެންނެވެ.