ވިޔަފާރި

މިދިޔަ އަހަރު އެކަނިވެސް 11 ރިސޯޓު މާކެޓަށް !


ދެހާސް ސޯޅަވަނަ އަހަރު އެކަނިވެސް، މުޅިން އަލަށް 11 ރިސޯޓް ހުޅުވައި އޮޕަރޭޓް ކުރަންފަށްޓަވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެއަހަރަކު މަދުވެގެން 11 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީކޮށް މާކެޓަށް ނެރުއްވުންކަމަށެވެ. ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރައްވަމުންގެންދެވި ރަށްތަކުގެ ތެރެއިން 11 ރަށެއް ތަރައްޤީކުރައްވައި ނިންމަވައި، މިދިޔަ އަހަރު ހުޅުއްވާފައިވާއިރު، މިއީ ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅުގައި އަހަރަކަށް ކަނޑައަޅުއްވާފައިވާ ޢަދަދަށްވުރެ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމިންގެ ރިޔާސީ ވަޢުދުފުޅުގައި ވަނީ ކޮންމެއަހަރަކު 10 ރިސޯޓް ހުޅުއްވައި މާކެޓަށްނެރުއްވުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ މިނިސްޓްރީގައި 124 ރިސޯޓް ރަޖިސްޓްރީކޮށްފައިވެއެވެ.

މީގެ ތެރެއިން ނޮވެމްބަރުމަހުގެ ނިޔަލަށް އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުގެ ޢަދަދަކީ، 105 އެވެ.

އެންމެފަހުން ޓޫރިޒަމް ޤާނޫނަށް ސަރުކާރުން ގެންނެވި ބަދަލަށްފަހު ރިސޯޓްތައް ތަރައްޤީކުރައްވަމުންގެންދަވާ ޢަދަދު އިތުރުވެފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ ފާހަގަކުރައްވާފައި.

 ޓޫރިޒަމް ޤާނޫނަށް އެންމެފަހުން ގެންނެވި އިޞްލާހަކީ ރިސޯޓް ތަރައްޤީކުރުމަށް ރަށްރަށާއި، ބިންބިމާއި ފަޅުތައް ބީލަމަކާއި ނުލައި ކުއްޔަށް ދޫކުރުމުގެ އިސްލާހެވެ. ރިސޯޓްތައް ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ދެއަހަރުދުވަހުގެ ތެރޭގައި 40 ރިސޯޓް ތަރައްޤީކޮށް ނިންމަވައި މާކެޓަށް ނެރުއްވުންކަމަށެވެ.