ސިއްހަތު

3000 ނަރުހުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފި


ޞިއްޙީ ދާއިރާއިން ދެއްވާ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ދިނުމަށްޓަކައި ޚިދުމަތް ދޭނެ ޤާބިލް ފަންނީ މީހުން ތަމްރީނު ކުރެއްވުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ނަރުހުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ. ނަރުހުން ތަމްރީނުކުރެއްވުމުގެ މަސައްކަތުގެ ދަށުން 3000 ނަރުހުން ތަމްރީނުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނަރުހުން ތަމްރީނު ކުރެއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. 

ނަރުހުން ތަމްރީނުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ދިވެހި ނަރުހުން އިތުރުކުރައްވާ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ޢަދަދު މަދުކުރެއްވުމެވެ.

ނަރުހުން ތަމްރީނުކުރެއްވުމުގެ އެއްބަސްވުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކު މި ކޯސްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފުރުޞަތު ދެއްވާނެކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ނަރސިންގ ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމަށް އަހަރަކު 4 ފަހަރު ފުރުޞަތު ހުޅުވާލައްވާނޭ ކަމަށް އެ ޔުނިވަރިސިޓީން ވިދާޅުވެއެވެ. ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، ނަރުހުން ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ ފަހުކޮޅު ހުޅުވާލައްވާނެކަމަށެވެ. އަދި މި ފުރުޞަތުތަކަށް މާރޗް ނުވަތަ އޭޕްރީލް މަހުގައިވެސް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށް އެޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ. ނަރުހުން ތަމްރީނުކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިގްރީ އަދި ޑިޕްލޮމާ ފެންވަރަށް.

ނަރުހުން ތަމްރީނުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ޞިއްޙީ ޚިދުމަތްދެއްވާ ތަންތަނުގައި މަސައްކަތް ކުރައްވާ ނަރުހުންގެ 47.26 އިންސައްތައަކީ ބިދޭސީ ނަރުހުން ކަމަށެވެ. އަދި ޚިދުމަތުގައި ތިބި ނަރުހުންނަކީ 100 އިންސައްތަ ދިވެހި ނަރުހުންނަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒުކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެއަމާޒަށް ވާޞިލްވުމަށް މިއެއްބަސްވުމުގެ ދަށުން އަހަރަކު ފަސް ސަތޭކަ ނަރުހުން ތަމްރީނުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފް ވިދާޅުވީ، އެކި ދާއިރާތަކުން ޤައުމަށް ބޭނުންވާ ތަޢުލީމީ، ޢިލްމީ، ޤާބިލް މީހުން ބިނާކުރުމަށް އެޔުނިވަރސިޓީން އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިމަގަށް ސަރުކާރުން އެޅުއްވި މުޙިންމު ފިޔަވަޅެއް ކަމަށް ލަޠީފް ވިދާޅުވިއެވެ. 

ޞިއްޙީ ދާއިރާއަށް ބޭނުންވާ 3000 ނަރުހުން ތަމްރީނުކުރެއްވުމުގެ މަސައްކަތުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވެފައި ތިބި ގިނަ މީހުންނަށް މިދާއިރާއިން ކުރިއަށްދިއުމަށް ފުރުޞަތު ލިބިގެންދާނެއެވެ.