ސިއްހަތު

ސުންނަތުގެ އަލީގައި ބޭސްފަރުވާކުރުމާބެހޭ މަހާސިންތާއެއް ބާއްވަނީ


ސުންނަތާ ނަބަވީ އިރުޝާދުގެ އަލީގައި ގަސްގަހާގެހީގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން، ބޭސްފަރުވާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ރާއްޖޭގައި މަހާސިންތާއެއް ބޭއްވެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފިއެވެ.

އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ ބާއްވަވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާއާ ގުޅިގެނެވެ. މަހާސިންތާއަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން، އެ ޔުނިވަރސިޓީގެ ކަމާގުޅޭ މާހިރުންނާއި ޕްރޮފެސަރުންގެ ފަންނީ ބޭފުޅުންނާ މިމަހުގެ 10 ވަނަ ދުވަހު ބައްދަލުކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ބައްދަލުވުމުގައި މަހާސިންތާގެ އިދާރީ ކަންކަން ކުރިޔަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ، ޔުނިވަރސިޓީ އޮފް މަލާޔާގެ ޑރ. އެމް.ވައި.ޒުލްކިފްލީ ވަނީ، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަބްދުﷲ ނާޡިމް އިބްރާހީމާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސިއްޙީ ދާއިރާގެ މުވައްޒަފުން ބިނާ ކުރުމަށް އެ ޔުނިވަރސިޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޔުނިވަރސިޓީ އޮފް މަލާޔާގެ ޓީމުން ވަނީ ޤުރުއާނާ ބެހޭ މަރުކަޒަށްވެސް ޒިޔާރަތްކުރައްވާ ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާގައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.