ކުޅިވަރު

ހުޅުމާލޭގައި އިތުރު 4 ފުޓްސެލް ދަނޑު އަޅަނީ


ހުޅުމާލޭގައި އިތުރު 4 ފުޓްސެލް ދަނޑު އެޅުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކުރިޔަށްދާ ޒުވާނުންނާއި ގުޅޭ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން އިއްޔެ ވަނީ ހުޅުމާލެއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ހުޅުމާލޭގައި ކުރިޔަށްދާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމުގެ އިތުރުން ޒުވާނުންނަށް އިތުރު މަޝްރޫޢުތަކެއް ހިންގެވުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެންގެވުމުގެ މަތިން އިތުރު 4 ފުޓްސެލް ދަނޑު ހުޅުމާލޭގައި އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14842881021605.jpg|މިނިސްޓަރ އިރުތިޝާމް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އެގޮތުން މި ހަތަރު ފުޓްސެލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ޔޫތް މިނިސްޓްރީގެ ބަޖެޓުން ޙަރަދުން ކުރައްވައިގެންކަމަށާއި މި ދަނޑުތައް އަޅާނެ ތަންތަނާ ބެހޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރެވިފައިވާކަމަށް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ހުޅުމާލެއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމާލޭގައި ގާއިމްކުރައްވާ ސިންތެޓިކް ޓްރެކްގެ މަސައްކަތް ބައްލަވާލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ގިނަ ޒުވާނުން ނުހަނު ބޭނުންވެފައި ތިބި ކަމެއްކަމަށެވެ. އިރުތިޝާމް ވިދާޅުވީ ސިންތެޓިކް ޓްރެކާއެކު ގިނަ އެތްލީޓުންތަކެއްގެ ހުވަފެން ހަޤީގަތަކަށް ވެގެންދާނެކަމަށެވެ. ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމްގެ މަޝްވަރާތައް ޤަތަރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދަވާކަމަށް މިނިސްޓަރ މަޢުލޫމާތުދެއްވިއެވެ.