ކުޅިވަރު

ބަކާ، މެސީ، އަދުހަމް، ސެޑިކް ވިކްޓްރީއަށް ސޮއިކޮށްފި


މުޙައްމަދު އާރިފް ( ބަކާ ) އާއި އިސްމާއީލް އީސާ ( މެސީ ) އާއި، ހަސަން އަދުހަމް ( ސަޑޭ ) އަދި އީގަލްސްގެ ބޭރު ފޯވާޑް ސެޑިކްގެ ސޮއި ހޯދާ ވިކްޓްރީ ކުރިއަށް އޮތް ސީޒަނަށް ވަރުގަދަކޮށްފިއެވެ. 

މިކުޅުންތެރިން ވިކްޓްރީއަށް ސޮއިކޮށްފާކަން އެކްލަބްގެ ޗެއަރމަން އިބްރާހީމް ނަޒީމް ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ އެކުޅުންތެރިންގެ އިތުރުން ނިއުގެ އަހުމަދު ނިޔާޒުއާއި، ބީޖީގެ ކެޕްޓަންވެސް ވިކްޓްރީއަށް ސޮއިކޮށް، މިދިޔަ އަހަރުވެސް ކުޅުނު މުޙިންމު ކުޅުންތެރިން ކޮންޓްރެކްޓް އާކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ކެޕްޓަން ރިލްވާން ވަހީދު ( ކަކާ ރިލޭ ) ހިމެނެއެވެ.

ވިކްޓްރީން ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރާއި، ފޯވާޑްގެ އިތުރުން ނިއުގެ ފަހަތަށް ކުޅުނު ބަލްގޭރިޔާގެ ޑިފެންޑަރާއެކުވެސް އެއްބަސްވުމަށް އައިސްފައެވެ. އެކުޅުންތެރިން މާލެ ގެނައުމުގެ މަސައްކަތް ކްލަބުން ދަނީ ކުރަމުންނެވެ.

" 2017 ވަނަ އަހަރު ވިކްޓްރީ ތަފާތުވާނެ. އިރާދަކުރެއްވިޔާ މިކުޅުންތެރިންނާއެކު ސަޕޯޓަރުންނަށް ވީ ވައުދު ފުއްދުނީ " ދާދިފަހުން ކްލަބްގެ ޗެއަރމަންކަމަށް އިންތިޚާބުވި ނަޒީމް ވިދާޅުވިއެވެ. 

ފާއިތުވި އަހަރުތަކުގައި ވިކްޓްރީ ފެނުނީ އާދައިގެ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އޮތް ސްކޮޑާއެކު ވިކްޓްރީ ވެގެންދާނީ ސީޒަންގައި މުބާރާތްތަކަށް ވާދަކުރާ ޓީމަކަށެވެ.