ކުޅިވަރު

މެސީއަށްވުރެ އަވަހަށް ސުއަރޭޒް ބާސާއަށް 100 ލަނޑު ޖަހައިދީފި


މެސީއަށްވުރެ އަވަހަށް ސުއަރޭޒް ބާސެލޯނާއަށް 100 ވަނަ ލަނޑު ޖަހައިދީފިއެވެ. ސުއަރޭޒް ބާސާއަށް 100 ވަނަ ލަނޑު ޖެހީ ކޮޕަޑެލްރޭ ކްއާޓަރ ފައިނަލް ދެވަނަ ލެގުގައި ރޭ 3-1 ން އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެ ސެމީއަށް ދަތުރުކުރި މެޗުގައެވެ.

 ރޭގެ މެޗަކީ ސުއަރޭޒް ބާސާއަށް ކުޅެދިން ސަތޭކަ ވިހި ވަނަ މެޗެވެ. މެސީއަށް ބާސާގެ ޖަރޒީގައި 100 ލަނޑު ޖެހުނީ 188 މެޗުންނެވެ. ސުއަރޭޒްއަށްވުރެ އަވަހަށް ދެ ކުޅުންތެރިއަކު ބާސާގެ ޖަރޒީގައި 100 ލަނޑު ހަމަކުރިއެވެ. އެއީ 99 މެޗުން 100 ލަނޑުޖެހި މަރިއާނޯ މާޓިންއާއި، 103 މެޗުން 100 ލަނޑު ހަމަކުރި ހަންގޭރީގެ ފޯވާޑް ލާސްލޯ ކުބާލާއެވެ. 

ރޭގެ މެޗުގައި ހިލޭ ޖެހުމަކުން ލަނޑު ޖަހައި މެސީ ވަނީ މިއަހަރު މިހާތަނަށް ތިން މެޗުން ތިން ފްރީކިކް ގޯލް ޖަހާފައެވެ. މިއީ ހިލޭޖެހުމުން މެސީ ބާސާއަށް ޖަހައިދިން 26 ވަނަ ލަނޑެވެ. ރޭގެ މެޗުގައި ދެން ލަނޑުޖެހީ ނޭމަރއެވެ.