ކުޅިވަރު

ބޭރު ކުޅުންތެރިން ގިނަ، ބަރޯސާވަނީ އެކުޅުންތެރިންނަށް


މޮޅު ބޭރު ކުޅުންތެރިން މަދުވުމަކީ ކުޅިވަރުގެ ހީނަރުކަން ބޮޑުވާކަމެކެވެ. ތަފާތު މޮޅު ބޭރު ކުޅުންތެރިން ކްލަބްތަކުން ފެންނަ ނަމަ ފުޓްބޯޅަ ފޯރިއަށް އޭގެ ހެޔޮ ބަދަލު އަންނަކަން ތާރީޙުން އޮތީ ފެންނާށެވެ. ޕެޓްރިކް ޗިކާޔާއާއި ހަމައިން ފިދާދީއާއި ބޮއިކޯފަދަ ކުޅުންތެރިންނާ ހަމައަށް ބެލި ނަމަވެސް އެ ހަޤީޤަތް ސާފެވެ.

ފާއިތުވި އަހަރުތަކަށްބަލާއިރު ތަފާތު މޮޅު ބޭރު ކުޅުންތެރިން މަދެވެ. ފެންވަރު ނެތް ނުވަތަ ކޮލިޓީ ނޫން ކުޅުންތެރިން ގެނެވޭ މިންވަރު އިތުރުވެ ކްލަބަތަކަށް މާލީގޮތުންވެސް ބޮޑަތި ގެއްލުންތަކެއް ކުރިމަތިވަމުން ދެއެވެ. ފެންވަރު ނެތިގެން ފޮނުވާލާ ކުޅުންތެރިންގެ ބަދަލުގައި ދެން ގެންނަ ކުޅުންތެރިންވެސް ފެންވަރު ނެތި، ބެންޗްގައި ބައިންދަން ޖެހޭތަންވެސް ފެންނަމުންދެއެވެ. 

އާސީޒަނަށް ކްލަބްތައް ތައްޔާރުވާއިރު އަބަދުވެސް ބޭރު ކުޅުންތެރިންނަށް ކްލަބްތައް ބަރޯސާވެއެވެ. އެއް ކްލަބް ނުވަތަ ދެ ކްލަބަކުން ޤައުމީ ޓީމްގެ ކުޅުންތެރިންތައް ހޯދުމުން ދެން އޮތް ޓީމްތަކަށް ޖެހެނީ އެވްރެޖް ސްކޮޑެއް އެކުލަވާލައި، ބޭރުގެ ކުޅުންތެރިން ގެންނާށެވެ. އޭގެ ހެޔޮ ބަދަލު ނުވަތަ ހެޔޮ ނަތީޖާ މަދު ފަހަރުތަކުގައި ފެންނަމުން ދެއެވެ. މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓްރީ ހޯދި ކާމިޔާބީއަކީ އޭގެ ހެއްކެކެވެ. ޓީމްގައި ތަފާތު މޮޅު ދިވެހި ކުޅުންތެރިއަކު ނެތެވެ. ޤައުމީ ސްކޮޑްގެ ކުޅުންތެރިއަކު ނެތެވެ. ނަމަވެސް މޮޅު ބިދޭސީ ކީޕަރަކާއި، މޮޅު ފޯވާޑެއްގެ އިތުރުން ދެންވެސް ތިބި ބިދޭސީ ދެ ކުޅުންތެރިން ފެންވަރު ދެއްކުމުން ބޮޑަތި ޓީމްތަކަށް ބިރަކަށް އެޓީމްވިއެވެ. އަދި މުބާރާތްތަކުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުނެވެ.

ކުރިއަށް އޮތް ސީޒަނަކީ ބިދޭސީ ކުޅުންތެރިން ކްލަބްތަކުގައި ގިނަވާނެ އަހަރެކެވެ. މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނަ ބިދޭސީ ކުޅުންތެރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފެންނަ އަހަރަށްވުން ގާތެވެ. ފުރަތަމަ ޑިވިޝަންގެ ހަމަ ކޮންމެ ކްލަބަކުންވެސް ހަތަރު ކުޅުންތެރިން ފެނުމުގެ ފުރުޞަތު ބޮޑެވެ. އެއް ފަހަރާ ކުޅެވެނީ ބިދޭސީ ހަތަރު ކުޅުންތެރިންނަށެވެ. އެއީވެސް އޭޝިޔާގެ ކުޅުންތެރިއަކާއެކުގައެވެ.

img:http://s1.psmnews.mv/images/660x400/14841975796215.jpg|މާޒިޔާގެ ބަލްގޭރިޔާ ޑިފެންޑަރ: މިއަހަރު އޭނާއަށް ފުރުޞަތެއް ނެތް: ފޮޓޯ-ޕީއެސްއެމް

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ޕްރެކްޓިސް ފަށައިފިއެވެ. ޤައުމީ ޓީމް މިއަހަރުވެސް ޑޮމިނޭޓް ކުރަނީ މާޒިޔާއިންނެވެ. އެވަރުން ހިތްހަމަ ނުޖެހި ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން އެކްލަބުން ނިންމައި، ކުޅުންތެރިން ވަނީ ފައިނަލްކޮށްފައެވެ. ބިދޭސީ ފޯވާޑް ޓީމާއި ގުޅިފައިވާއިރު، ދެދުވަހެއްގެ ތެރޭގައި ކީޕަރު އަންނާނެއެވެ. އޭގެ އިތުރުން ޑިފެންޑަރަކާއި މިޑްފީލްޑަރެއް ޓީމާއި ގުޅޭނެއެވެ. ކްލަބް ދޫކޮށް ދިޔަ ނުވަތަ ކްލަބުން ދޫކޮށްލި ކުޅުންތެރިން ފޫބައްދާނީ ބިދޭސީ ކުޅުންތެރިންނެވެ.

" އަޝްފާޤު ދިޔަތަނެއްވެސް، އެހެން ކުޅުންތެރިއަކު ދިޔަތަނެއްވެސް މިކްލަބަކުން ނުދައްކާނެ. އެކުޅުންތެރިން ނެތްތަން ފޫބައްދަން ކުޅުންތެރިން ގެންނާނަން " އަޝްފާޤާއި އިމްރާންފަދަ ކުޅުންތެރިންގެ ބަދަލުގައި ބޭރު ކުޅުންތެރިން ގެންނާނެކަން ހާމަކުރަމުން މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބުދުލްވައްހާބު ވިދާޅުވިއެވެ.

މާޒިޔާއާއި އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވެނީ މާޒިޔާއިން ކީޕަރު މުޙައްމަދާއި، ޓިސީން އަލީ ފާސިރާއި، އަހުމަދު އަބުދުﷲއާއި، ވެލެންސިޔާއިން އަކްރަމް އަބުދުލްޣަނީ ގެނެސް އަދި ޤައުމީ ކެޕްޓަންގެ ސޮއި ލިބޭނެކަން ކަށަވަރުވުމުންވެސް ސްކޮޑާއި މެދު ހިތްހަމަ ނުޖެހިފައި އޮތް ނިއުރޭޑިއަންޓެވެ. ނިއުއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ. ޗެލްސީގެ ޔޫތް ޓީމަށް ކުޅުނު ޤާނާއަށް އުފަން ޑިފެންޑަރަކާއި، ޖަޕާނާއި، ނެދަލެންޑްސްއިން ގެނައި ދެ މިޑްފީލްޑަރުންނާއި، އޭއެފްސީކަޕްގައި މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ފޯވާޑް ގެނައުމުން އެކުޅުންތެރިންނަށް ނިއު އޮތީ ބަރޯސާވެފައިކަން ސާބިތުވެއެވެ. ޚާއްޞަކޮށް ނިއުގެ މެދުތެރެ އޮތީ ބޭރު ކުޅުންތެރިންގެ އަތުގައެވެ.

ޓީސީ ސްޕޯރޓްސް ކްލަބުން މުޙިންމު ކުޅުންތެރިންތަކެއް ދިއުމުން އެމީހުންވެސް އެމަޤާމްތައް ފޫބައްދާނީ ބޭރު ކުޅުންތެރިން ގެނެސްގެންނެވެ. މިދިޔަ ސީޒަނާ ހިލާފަށް މިއަހަރު ބިދޭސީ ހަތަރު ކުޅުންތެރިން ޓީސީންވެސް ބޭނުން ކުރާނެއެވެ. ނޭޕާލްގެ ކީޕަރުގެ އިތުރުން ދެން ގެންނަ ކުޅުންތެރިންނަކީވެސް ޓީސީން އިތުބާރުކުރާ އެޖެންޓެއް މެދުވެރިކޮށް ގެންނަ ކުޅުންތެރިންނެވެ.

" ވަރަށް ރަނގަޅަށް ބަލާފަ، ޓީސީން ވަރށް އިތުބާރުކުރާ އެޖެންޓެއް މެދުވެރިކޮށް ބޭރު ކުޅުންތެރިން ގެންނަނީ " ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުންޏެވެ.

ގްރީން ސްޓްރީޓްގެ ފޯމިއުލާއަކީ މިދިޔަ އަހަރު ޔުނައިޓެޑްވިކްޓްރީގެ ފޯމިއުލާއެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި އެވްރެޖް ސްކޮޑެއްގެ ތެރެއަށްލަނީ ބޭރު ހަތަރު ކުޅުންތެރިންނެވެ. މިދިޔަ އަހަރު ނިއުއަށް ކުޅުނު ޖަޕާން ކީޕަރުގެ އިތުރުން ޔުކްރެއިންގެ ތިން ކުޅުންތެރިންނެވެ.

" ޔުކްރެއިންގެ ޓޮޕް ކްލަބްތަކަށް ކުޅެފަ ތިބި ކުޅުންތެރިން އެއީ. ދެވަނަ ޑިވިޝަންގައިވެސް ކުޅުންތެރިން ފޮނުވައިދިން އެޖެންޓް މެދުވެރިކޮށް ކުޅުންތެރިން ހޯދީ. ވީޑިއޯތައްވެސް ރަނގަޅަށް ބެލިން. އުއްމީދު ބޮޑު. އެކުޅުންތެރިން ރަނގަޅުވެއްޖިއްޔާ އެއީ ވަރަށްބޮޑު ހިތްވަރެއް " ކޯޗު ޞަބާވެސް ޓީމް ބައްޓަންކުރުމުގައި އެންމެބޮޑަށް ބަރޯސާވަނީ ބޭރު ކުޅުންތެރިންނަށެވެ.

img:http://s1.psmnews.mv/images/660x400/14841976170052.jpg|ނިއުދޫކޮށް ޖަޕާން ކީޕަރު ގްރީން ސްޓްރީޓަށް: ފޮޓޯ-ޕީއެސްއެމް

ކްލަބް އީގަލްސް ފާއިތުވި ސީޒަންގައި ހޯދި ކާމިޔާބީގައިވެސް ބިދޭސީ ކުޅުންތެރިންގެ ދައުރު ބޮޑެވެ. ލަންކާގެ އެއްވަނަ ކީޕަރާއި ފޯވާޑް ސެޑިކް އަދި ރިސްޓޭ ވެގެންދިޔައީ އީގަލްސް ޒުވާން ކުޅުންތެރިންނާއެކު ޓީމް ފުރިހަމަކޮށްދީ ކާމިޔާބީ ހޯދައިދިނުމުގައި މުޙިންމު ދައުރެއް އަދާކުރި ކުޅުންތެރިންނަށެވެ. ލަންކާ ކީޕަރާއެކު މިއަހަރުވެސް އެޓީމުން ބިދޭސީ ކުޅުންތެރިން ފެންނާނެއެވެ. 

ޔުނައިޓެޑް ވިކްޓްރީގެ އަޑު މިދިޔަ ސީޒަނަށްވުރެ މަޑުވެފައިވީނަމަވެސް އެޓީމްގެ މެނޭޖަރ ވިދާޅުވީ މަޑުމަޑުން ކްލަބްގެ ކަންތައްތައް ކުރިއަށްދާކަމަށެވެ. އެކްލަބްގެ މުޙިންމު ބިދޭސީ ދެ ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވެފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިިދިޔަ އަހަރު އެކްލަބް ކާމިޔާބީ ހޯދީ މޮޅު ބިދޭސީ ކުޅުންތެރިންނާއެކު ކަމަށްވުމުން އެފޯމިއުލާ ދޫކޮށްލުމުގެ ފުރުޞަތު ކުޑައެވެ.

img:http://s4.psmnews.mv/images/660x400/14841976587099.jpg|ޔޫވީއަށް ނަތީޖާ ނެރެދިން ބިދޭސީ ކުޅުންތެރިން: ފޮޓޯ-ޕީއެސްއެމް

ވިކްޓްރީ އާސީޒަނަށް ވަރުގަދަކުރަނީ ޔަޤީނުންވެސް ބޭނުން ހިފޭނެ މޮޅު ބިދޭސީ ކުޅުންތެރިންނާއެކުގައެވެ. ޔުނައިޓެޑް ވިކްޓްރީގެ ދެ ކުޅުންތެރިންގެ އިތުރުން ނިއުގެ ފަހަތް ބެލެހެއްޓި އިސްކޮޅުން ދިގު ބަލްގޭރިޔާ ޑިފެންޑަރ ވެލިޗްކޯ ވިކްޓްރީން ފެންނާނެކަމަށް މައުލޫމާތުލިބެއެވެ. 

ކްލަބް ވެލެންސިޔާގެ ވާހަކަތަކަކީ މީޑިއާއަށް ތިލަވާ ވާހަކަތަކެއްނޫނެވެ. މިރޭ އެކްލަބުން ޕްރެކްޓިސް ފަށާ ވާހަކަވެސް އިވިގެންދަނީ އެކްލަބާ ގާތް ގުޅުމެއް އޮންނަ ފަރާތެއް މެދުވެރިކޮށެވެ. ކްލަބުން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ. މައުލޫމާތެއް ހޯދަން ގުޅިއަސް އެކަންވަނީ ބޭކާރެވެ. ބައެއް ރިޕޯރޓްތައް ބުނާގޮތުން ވިކްޓްރީއަށް ކުޅުނު ގޮޑްފްރޭ ވެސްޓް ވަނީ ވެލެންސިޔާއަށް ސޮއިކޮށްފައެވެ. އިތުރު ބިދޭސީ ކުޅުންތެރިން ގެންނާނެކަމަށް ވެލެންސިޔާގެ މެނޭޖަރާއި ހަވާލާދީ އެކްލަބްގެ ގާތް މީހަކު ބުންޏެވެ. އެޓީމް ވަރުގަދަވުމާއި ނުވުންވެސް ބޭރުން ކުޅުންތެރިންނަށް ވަރަށްބޮޑަށް ބަރޯސާވާނެކަމަށް ބެލެވެއެވެ. އެއީ މުހިންމު ބައެއް ކުޅުންތެރިން އެކްލަބް ދޫކޮށްދިޔައިރު، އެފަދަ ކުޅުންތެރިންތަކެއް ހޯދިކަން މިހާތަނަށް ހާމަވެފައި ނެތުމުންނެވެ.

img:http://s2.psmnews.mv/images/660x400/14841975393154.jpg|ނިއުގެ ފަހަތް ބެލެހެއްޓި ވެލިޗްކޯ، މިއަހަރު ފެންނާނީ ވިކްޓްރީން: ފޮޓޯ-ޕީއެސްއެމް

" މައިގަނޑުގޮތެއްގައި އެއީދޯ އެކަން މިއޮންނަ ގޮތަކީ. ބޭރު ކުޅުންތެރިން މިގެންނަނީ އެކުޅުންތެރިންނަށް ޑިޕެންޑްވެގެން. ވޮލީ އެއްޗިހީގަހެން ބޭރު ކުޅުންތެރިން ތަފާތުވެއްޖިއްޔާ ޓީމް ވަރަށް ބޮޑަށް ޑިޕެންޑްވާނެ އެކުޅުންތެރިންނަށް. ސުވާލަކީ އެފެންވަރުގެ ކުޅުންތެރިންތޯ މިގެނެވެނީ. އެކަން މިނޭންގެނީ. " އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރ އަދި އޭ ލައިސެންސް ކޯޗު މުޙައްމަދު ޝިޔާޒް ( މޯހަން ) ވިދާޅުވިއެވެ.

ކޯޗުންނަށް ބަލާއިރު ބިދޭސީ ކޯޗުން ތިބީ ނިއުއާއި މާޒިޔާގައެވެ. ބިދޭސީ ކުޅުންތެރިން ގިނަ މިއަހަރަކީ ހަޤީޤަތުގައިވެސް އެކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަރޯސާވާނެ އަހަރެކެވެ. އެކުޅުންތެރިންގެ ފެންވަރު ނުދެއްކިއްޖެނަމަ ބޮޑަތި ކްލަބްތަކަށްވެސް ބޮނޑި ލިބުން އެކަށީގެންވެއެވެ. ރަސްމީ ސްޓޭޑިއަމުން މިފަހަރު އެކި ފެންވަރުގެ ޤައުމުން ބޭރު ކުޅުންތެރިންގެ މޮޅު ކުޅުން ފެންނާނެކަމަށް ކުރެވޭ އުއްމީދު މިއަހަރު ވަކިން ބޮޑެވެ.