ޚަބަރު

ރާއްޖެ އެތެރެކުރުން މަނާ ސްޕިއަރ ގަންތަކެއް އަތުލައިގެންފި


މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިންގެވި އޮޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރުން މަނާ ސްޕިއަރ ގަން ނުވަތަ މަސް މަރާ 21 ބަޑި އަތުލައިގެންފިއެވެ. މަސްމަރާ މި ބަޑިތަކަކީ ވަކި ޚާއްސަ ހުއްދައަކާއެކު ރާއްޖެ އެތެރެކުރެވޭ ބާވަތެއްގެ ތަކެއްޗެވެ. img:http://s1.psmnews.mv/images/660x400/14841547003328.jpg|ކަސްޓަމްސުން އަތުލައިގަތް ސްޕިއަރ ގަންތަކާބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިކަމާއިގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާޢީލް ހަމްދޫން ވިދާޅުވީ، މި ބަޑިތަށް އަތުލައިގަތީ ކަސްޓަމްސްގެ އިންޓަލިޖެންސާއި، އިތުރު ޔުނިޓްތައް ގުޅިގެން މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ރާއްޖެއައި އެމް.ސީ.ޕީ ފަމަގުސްތާ ކިޔާ މުދާ އުފުލާ ބޯޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިކަމަށް ޝައްކު ކުރެވުނީ ބަޑިތައް އެތެރެކުރި ފަރާތަކީ، މީގެ ކުރިން އިލެކްޓްރޯނިކް ބާވަތްތައް އެތެރެކުރާ ފަރާތަކަށްވެފައި، މިފަހަރު ގާމެންޓްސް ޝިޕްމަންޓެއް އެތެރެކުރަން މަސައްކަތް ކުރުމުން ކަމަށް ހަމްދޫން ފާހަގަކުރެއްވިއެވެ. img:http://s1.psmnews.mv/images/660x400/14841546777408.jpg|ކަސްޓަމްސުން އަތުލައިގަތް ސްޕިއަރ ގަންތަކާބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

"މި ބޯޓުން ގެނައި ގާމަންޓްތަކެއް 10 ޖެނުއަރީ ގައި ބަލައި ފާސްކުރިއިރު، މަސްމަރާ 21ބަޑި ފެނިފައިވޭ. މިގާމެންޓްސް ޝިޕްމަންޓަކީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް." ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާޢީލް ހަމްދޫން ވިދާޅުވިއެވެ.

މަސްމަރާ ބަޑިތަކުގެ އިތުރުން، އެބޯޓުން ގެނައި ޝިޕްމެންޓްގައި ކަސްޓަމްސް ޑިކްލަރޭޝަންގައި ނުހިމެނޭ، ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައި ހުރި މަކިޓާ ބްރޭންޑްގެ 3 ބުރުމާވެސް ކަސްޓަމްސް ބެލުމުގެ ދަށަށް ވަނީ ގެންނަވާފައެވެ. ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަޙްމަދު ފަހީމް ވިދާޅުވީ މިކަންތައް ތަޙްޤީގު ކުރައްވަމުން ދާތީ އެކަމުގައި ޝާމިލުވާ ފަރާތްތަކާގުޅޭ އިތުރު މަޢުލޫމާތު ދެވެން ނެތްކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ އިރު، އެތަކެއްޗަކީ ރާއްޖެ އެތެރެކުރުން ހުއްދަ ތަކެއްޗެއްކަން ކަށަވަރުކުރުމަށް ކުރައްވާ މަސައްކަތްތަކަށް 2016 ވަނަ އަހަރު ކަސްޓަމްސްއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން، މިދިޔަ އަހަރު އިންޓަނޭޝަނަލް 4 އޮޕަރޭޝަނަކާއި، 5 ލޯކަލް އޮޕަރޭޝަނެއް ވަރަށް ކާމިޔާބުކަމާއެކު ހިންގަވާފައިވާކަން ފާހަގަކޮށްލެވެއެވެ.