ކުޅިވަރު

ޤައުމީ އަންހެން ވޮލީ ޓީމް ފައިނަލްކޮށްފި


އަލަށް ޤައުމީ ޓީމަށް ނެގި ފާތިމަތު މަޒިއްޔާއާއެކު ޤައުމީ އަންހެން ވޮލީ ޓީމް ފައިނަލްކޮށްފިއެވެ. ޤައުމީ އަންހެން ވޮލީ ޓީމް ފައިނަލް ކޮށްފައިވަނީ ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯންގެ ކޮލިފައިން މުބާރާތުގައި ވާދަކުރުމަށެވެ.

 ޓީމުން ޖާގަ ހޯދާފައިވަނީ ހައްވާ ރާޝިދާ، އާމިނަތު އަރީޝާ، ޖޫޒާން ޒަރީރު، ފާތިމަތު ޒީނިޔާ، ޝައުފާ އާދަމް، ސިލްމާ ޒާހިރު، އާމިނަތު ރިއާޝާ، ހައްވާ ސަހާ، ނުހާ ވަހީދު، އައިޝާތު މާޖިދާ އަދި އައިޝަތު ޝައްފައެވެ. މިފަހަރު އެކުލަވާލި ޓީމުން ބާކީވީ މަރިޔަމް އަޒްމާ، ހަލީމަތު ސަމާ އަދި އައިޝަތު އިމްތިނާންއެވެ. ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމްގެ ކޯޗް އަހުމަދު އަދީލް ބުނީ މިފަހަރު ޓީމް އެކުލަވާލުމަށް ވަރަށް އުނދަގޫވިކަމަށާއި، ޚާއްސަކޮށް ޓީމުން ޖާގަ ނުލިބި ބޭރުވި ކުޅުންތެރިންނަކީވެސް މޮޅު ކުޅުންތެރިންތަކެއްކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާއި، މުބާރާތާ ކުރިމަތިލާއިރު، ކުޅުންތެރިންތިބީ އެއް އަޒުމެއްގައިކަމަށްވެސް އަދީލް ބުންޏެވެ.

" އެންމެ ބޮޑަށް އުނދަގޫވީ ޓީމް ފައިނަލްކުރަން. ޓީމުން ބާކީކުރަންޖެހުނީވެސް ހަމަ ވަރަށް މޮޅު ކުޅުންތެރިން. ޓީމާމެދު އިތުބާރު އެބައޮތް " އަދީލް ބުންޏެވެ.

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިންގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން އިރާނާއި، ނޭޕާލެވެ. ކޮލިފައިންގ މެޗުތައް ރާއްޖޭގައި ކުޅޭނީ މިމަހުގެ 27 ން 29 އަށެވެ.