ކުޅިވަރު

ބޮޑު ދެ ހުށައެޅުމެއް ދޫކޮށް ސާންތި އީގަލްސްގައި މަޑުކޮށްފި


ރާއްޖޭގެ ބޮޑު ކްލަބަކާއި، އެފްއޭއެމްގެ ހުށައެޅުން ދޫކޮށް ކޯޗު އިހުސާން އަބުދުލްޣަނީ ( ސާންތި ) އީގަލްސްގައި މަޑުކުރަން ނިންމައިފިއެވެ.

ފާއިތުވި ތިން އަހަރުވެސް އީގަލްސްއަށް އިރުޝާދުދީ، އެކްލަބްގައި ޒުވާން ކުޅުންތެރިންނާއެކު ޓީމެއް ބިނާކޮށްގެން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްކަޕް ހޯދި ކޯޗު ބުނީ މިހާރު ހަމަ އެންމެ ބޮޑު އެއް ކްލަބުންނާއި، އެފްއޭއެމްގެ ހުށައެޅުމެއް ލިބުނު ނަމަވެސް ފެށި މަސައްކަތް ނިންމަން އީގަލްސްގައި މަޑުކުރަން ނިންމީކަމަށެވެ.

" އިތުރު ދެ ހުށައެޅުމެއް ލިބުނު. އޭގެތެރޭގައި ބޮޑު ކްލަބެއް ހިމެނޭ. އެހެންނަމަވެސް މިވިސްނީ ފެށި މަސައްކަތް ދޫކޮށްދާންވީ ވަގުތު ނޫންކަމަށް މިއީ. އެމަސައްކަތް ނިންމަންޖެހޭކަމަށް ޤަބޫލުކުރަނީ. އަބަދުވެސް ބުނަމުން މިއަންނަނީ ހުރިހާ އެއްޗަކީ ތައްޓެއްނޫނޭ. އިރާދަކުރެއްވިޔާ ތައްޓެއްވެސް ލިބިއްޖެ. އެކަމަކު ޓީމެއް ބިނާކޮށް ކުޅުންތެރިން އުފެއްދުން އެންމެ މުޙިއްމީ. ކުރިންވެސް ބުނިހެން ކުރިމަގުގައި މިޓީމް އޮވެއްޖިއްޔާ ރާއްޖޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރާނެ މިޓީމްގެ ކުޅުންތެރިން. " ސާންތި ބުންޏެވެ.

ސާންތި ވަނީ އީގަލްސްއާއެކު ދެފައިނަލް ކުޅެ އެއް ތަށި ހޯދާފައެވެ. ކުރިއަށް އޮތް ސީޒަނަށްވެސް ކްލަބްގެ ކުޅުންތެރިން މަޑުކޮށް، މާޒިޔާގެ އަހުމަދު ނާޝިދު ( ނާއްޓޭ ) ވަނީ ކްލަބަށް ގެންގޮސްފައެވެ. މައުލޫމާތުލިބޭގޮތުގައި އީގަލްސް ދޫކޮށްލީ ބިދޭސީ މޮޅު ކުޅުމެއް ދެއްކި ފޯވާޑް ސެޑިކް އެކަންޏެވެ.