ކުޅިވަރު

ޗެލްސީ ޔޫތް ޓީމްގެ ކުރީގެ ކެޕްޓަން ނިއުއަށް ކުޅެން އައިސްފި


ކުރިން ޗެލްސީގެ ޔޫތް ޓީމްގެ ކެޕްޓަންކަން ކުރި ޑެނިއަލް ޕަޕޯ ނިއުރޭޑިއަންޓަށް ކުޅެން ރާއްޖެ އަތުވެއްޖެއެވެ.

ޤާނާއަށް އުފަން ޕަޕޯ ޗެލްސީގެ 12 އަހަރުން ދަށުގެ ޔޫތް ޓީމާއި ގުޅުނީ ސްކޫލް ދަރިވަރެއްގެ ގޮތުގައި ހުރެއެވެ. 2010 ވަނަ އަހަރު އެފްއޭ ޔޫތްކަޕް ހޯދި ޓީމްގައި އޭނާ މުޙިންމު ދައުރެއް އަދާކުރިއެވެ. ނަމަވެސް އަނިޔާގެ ސަބަބުން އެފަހަރު ފައިނަލްގައި އޭނާއަށް ނުކުޅެވުނެވެ. އޭނާ އެޓީމްގެ ކެޕްޓަންކަން ކުރީ 2010-2011 ވަނަ ސީޒަންގައެވެ. ފަހުން އޭނާ ބްލެކްޕޫލްއަށް ދޫކޮށްލި ނަމަވެސް އަނިޔާގެ ސަބަބުން 2011-2012 ވަނަ ސީޒަންގައިވެސް ނުކުޅެވުނެވެ. ޕަޕޯ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ލީގު ވަންގެ ކޮލްޗެސްޓަރ ޔުނައިޓެޑަށް ކުޅެފައެވެ. އޭގެ ފަހުން އެއް މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިސްތްމިއަން ޕްރިމިއަރ ލީގުގެ ކިންގްސްޓޯނިއަންއަށް ކުޅުނެވެ. 

2013 ވަނަ އަހަރު ޤާނާގެ 20 އަހަރުން ދަށުގެ ސްކޮޑްގައި އޭނާ ހިމެނުނެވެ. ފީފާ އަންދަރ 20 ވަރލްޑްކަޕް ސްކޮޑްގައި އޭނާ ހިމެނި ނަމަވެސް ފަހުން އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ފުރުޞަތު ދިނުމުން، ޕަޕޯއަށް ފުރުޞަތު ގެއްލުނެވެ. ޕަޕޯ އެންމެ ފަހުން ކުޅުނީ އިންގްލެންޑްގެ ހަތަރުވަނަ ޑިވިޝަންގެ ކްރޯލީ ޓައުން އެފްސީއަށެވެ. އޭނާ އެކްލަބަށް ކުޅުނީ އެއްބަސްވުމެއް ނެތިއެވެ. 

މީގެއިތުރުން ނިއުއަށް ކުޅެން އައި ނެދަލެންޑްސްގެ މިޑްފީލްޑަރ ޖަމެލް ވަނީ އެޤައުމުގެ ފަސްވަނަ ޑިވިޝަންގައި ކުޅެފައެވެ. އޭގެއިތުރުން މޯލްޓާގެ ފުރަތަމަ ޑިވިޝަންގައި އޭނާ ކުޅުނެވެ. އޭނާއާއެކު ނިއުގެ މެދުތެރެ ބަލަހައްޓާނީ ޖަޕާންގެ މިޑްފީލްޑަރެކެވެ.