ކުރިއަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓް ބައްޓަންކޮށް ޓީމަށް އިރުޝާދުދޭން ޕޯޗްގަލް ކޯޗެއް އަދި ކުޅުންތެރިންގެ ފިޓްނަސް ކަންތައް ބަލަހައްޓަން ޕޯޗްގަލްގެ ފިޓްނަސް ޓްރޭނަރެއް ގެނެސްފިއެވެ.
އާސީޒަނަށް ވަރުގަދަކޮށްފައިވާ ނިއުއަށް ގެނައި ކޯޗަކީ ޕޯޗްގަލްގެ ބެނާޑޯ ޓަވަރެސްއެވެ. އޭނާ އަކީ ޔުއެފާ ޕްރޯ ލައިސެންސް ކޯޗެކެވެ. ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނު ޓަވަރެސްއަކީ ގޯލްކީޕިންގ ޕްރޯ ލައިސެންސްވެސް އޮތް ކޯޗެކެވެ. 2013 ވަނަ އަހަރު އޭނާ ޔުއެފާ ޕްރޯ ލައިސެންސް ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަޤާމްވެސް ލިބުނީ އޭނާއަށެވެ. 1997 ވަނަ އަހަރު އޭނާގެ ކޯޗިންގ ކެރިއަރު ފެށީ 18 އަހަރުން ދަށުގެ ޓީމްތަކާއެކުގައެވެ. މަޝްހޫރު ޓީމްތައްކަމަށްވާ ޕޯޗްގަލްގެ ޕޯތޯއާއި، ލިސްބަންގައިވެސް އޭނާ މަސައްކަތްކުރިއެވެ. އެގޮތުން ޕޯތޯގެ ސްކައުޓް ކޯޗެއްގެ ގޮތުގައި އަދި ބެންފީކާގެ ޖޫނިއަރ ޓީމްތަކުގައި މަސައްކަތްކުރިއެވެ. އެންމެ މަޝްހޫރު އެއް އެކަޑަމީ ސްޕޯރޓިންގ ޔޫތް އެކަޑަމީގައިވެސް އޭނާ މަސައްކަތްކުރިއެވެ. ރޮނަލްޑޯ، ފީގޯ ނާނި ފަދަ ކުޅުންތެރިންނަކީ އެ އެކަޑަމީން ފުރަތަމަ ތަމްރީންވި ކުޅުންތެރިންނެވެ.
img:http://s4.psmnews.mv/images/660x400/14841321516535.jpg|ނިއުގެ ކޯޗާއި، ފިޓްނަސް ޓްރޭނަރު އަދި ނެދަލެންޑްސް މިޑްފީލްޑަރަށް ސަޕޯޓަރުން މަރުހަބާ ކިޔަނީ
އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު ޕްލޭ އޯފްގައި ބަހްރެއިން ޕްރިމިއަރ ލީގުގެ އަލް ހިދުއަށް އިރުޝާދުދިނެވެ. އަދި އޭއެފްސީކަޕްގައިވެސް އިރުޝާދު ދިނެވެ. ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގަށް އެޓީމް ކޮލިފައިކޮށެއް ނުދެވުނެވެ. މިދިޔަ އަހަރު އޭނާ މަސައްކަތްކުރީ ޓެންޒޭނިޔާ ޕްރިމިއަރ ލީގުގައެވެ.
img:http://s3.psmnews.mv/images/660x400/14841318342346.jpg|ނިއުރޭޑިއަންޓްގެ ފިޓްނަސް ޓްރޭނަރު
ފިޓްނަސް ޓްރޭނަރު ޔޮހެއިން އެންމެ ފަހުން މަސައްކަތްކުރީ އެފްރިކަން ލަޔަން ފުޓްބޯލް ކްލަބްގައެވެ. އެކްލަބްގެ ފިޓްނެސް ޓްރޭނަރުގެ އިތުރުން އެސިސްޓެންޓް ކޯޗަކަށްވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭނާއަކީ ޔުއެފާ ޕްރޯ ބީ ލައިސެންސް ކޯޗެކެވެ.
ފިޓްނެސް ޓްރޭނަރާއި، ކޯޗުވެސް އެންމެފަހުން މަސައްކަތްކުރީ އެކުގައި އެއް ކްލަބެއްގައެވެ. އާކޯޗާއެކު ނިއުގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.