ތަޢުލީމު

އިންޓަރ ސްކޫލް ޤުރުއާން މުބާރާތް މިއަހަރު ފަށަނީ


ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައްވައިގެން އިންޓަރ ސްކޫލް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތެއް މިއަހަރު ބާއްވަވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތް މިއަހަރު ބާއްވަވާނެކަން އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު އިޢުލާންކުރެއްވީ ރޭ ބޭއްވެވި ރާއްޖެ އިސްލާމްވިދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ ރީތިކޮށް ޤުރުއާން ކިޔަވާ މީހުން ތިބި ނަމަވެސް ޤުރުއާނުގެ އަދަބާއި އަޚުލާގު މީހުންގެ ކިބައިން ފެންނަނީ ވަރަށް މަދުންކަމަށެވެ. އެރީތި ސިފަ ކޮންމެ މީހެއްގެ ކިބައިގައިވެސް މިއަދު އަށަގަންނަވަން ޖެހިފައިވާކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

"ރީތިކޮށް ޤުރުއާން ކިޔަވާ ފަދައިން، ޤުރުއާނުގައި އެހުންނަ ރީތި އަދަބާއި އަޙްލާގް، އެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ އިތްތަކާއި ދޫތަށް އެބަޖެހޭ ޒީނަތްތެރިކުރަން." ޒިޔާދު ވިދާޅުވިއެވެ. 

ކީރިތި ޤުރުޢާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް އިނާމް ހަވާލުކޮށްދެއްވުން އޮތީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ، ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ހއ. އިހަވަންދޫ، ރޯޒީވިލާ، މުޙައްމަދު އައިމަން އިބްރާހީމްއެވެ. މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ މއ. ނާރެސް ޢާލާ އަޒްމަތް ޖަމީލްއެވެ. އަދި މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަކީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަވި އެންޑް އިޔާރު "އިއްފަވި"އެވެ. މި އިނާމްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

ޤުރުއާން މުބާރާތުގެ ގޮފިތަކާއި ބައިތަކުން އެއްވަނަ ހޯދި މުއައްސަސާތަކަށާއި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

މި މުބާރާތުގެ ދެވަނަ އަށް ހޮވުނީ އަޒޯޝް ޓްރެވަލްސް އެންޑް ޝިޕިން ކުންފުންޏެވެ. 3 ވަނަ ހާސިލްކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. މުބާރާތުގެ ބައިތަކުންނާއި ގޮފިތަކުން ދެ ޖިންސް ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލްކުރި ފަރާތްތަކަށް މި ޖަލްސާގައި ވަނީ އިނާމާއި ޓްރޮފީ ދެއްވާފައެވެ. 

ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ބާއްވަވާފައިވަނީ ބަދަލުތަކަކާއެކުއެވެ. ސަތޭކައަށްޑިހަ ތިން ބައިވެރިންނާއެކު، ކުރިއަށްދިޔަ މި މުބާރާތުގައި ކެނޑިޑޭޓުން ބައިވެރިކުރައްވާފައިވަނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އިސްލާމް ދީނަށް ޚިދުމަތްކުރާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށެވެ.