ޚަބަރު

"އިސްލާމްދީނާ ދެކޮޅު ޙަރަކާތްތަކަށް ރާއްޖެއިން ޖާގައެއް ނުލިބޭނެ"


އިސްލާމްދީން ދިފާޢުކޮށް ޙިމާޔަތް ކުރެއްވުމަށް އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، އެކިއެކި ޣައިރުދީންތައް ރާއްޖެއަށް ގެނައުމަށް ބޭރުގެ ބައެއް ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްދުދެއްވައި އެފަދަ ފަރާތްތަކާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ.

ރާއްޖޭ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޙާއްސަ ޖަލްސާގައި،  ކީރިތި ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުން ރަންވަނަތަށް ހާސިލު ކުރި މީހުންނަށް އިނާމް ދެއްވާފައިވެއެވެ.

މިމުބާރާތުގެ "ފޮތުން ކިޔެވުމުގެ ބައިން" މުޅި މުބާރާތުން އެއްވަނަ ހޯދީ، ހއ. އިހަވަންދޫ ރޯޒީވިލާ މުޙައްމަދު އައިމަން އިބްރާހީމެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހާސިލުކުރީ، މއ. ނާރެސް އާލާ އަޒްމަތު ޖަމީލެވެ. އަދި މުޅި މުބާރާތުން އެއްވަނަ މުޢައްސަސާއަކީ، އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަނެވެ. މި މީހުންނާ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. 

ރޭގެ ޖަލްސާގައި ދުވަހާއި ގުޅޭ ޚާއްސަ މަދަހައަކާއި ރާއްޖެ އިސްލާމްވި ހާދިސާގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑްރާމާއެއްވެސްވަނީ ހުށައަޅާފައެވެ. 

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސައި، އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވެވަޑައިގަތެވެ.