ޚަބަރު

މެކްޑޮނާލްޑްސް، ޕިއްޒާ ހަޓް، ކޭއެފްސީ އަދި ޑޮމިނޯޒް ރާއްޖެއަށް


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އިތުރު ފްރެންޗައިޒް ބްރޭންޑްތައް ގެންނައުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް،އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މަޝްހޫރު ފާސްޓް ފުޑް ފްރެންޗައިޒް ބްރޭންޑްތައް ގެނައުމަށްޓަކައި އެފަރާތްތަކާ ވާހަކަދައްކަވަމުންދާކަމަށާއި، މިހާރުވެސް ރާއްޖޭއަށް އެ ބްރޭޑްތައް ގެނައުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އަލަށް ގެންނައުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ ބްރޭންޑުތަކުގެ ތެރޭގައި މެކްޑޮނާލްޑްސް، ކޭއެފްސީ އާއި ޕިއްޒާހަޓާއި ޑޮމިނޯޒް އާއި ކްރިސްޕީ ކްރީމްފަދަ ބްރޭންޑްތައް ހިމެނޭކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14840605577132.jpg|ފްރެންޗައިޒް ބްރޭންޑްތަކުގެ ޚިދުމަތް ދިނުމަށް ތަރައްޤީކުރައްވާ ޢިމާރާތް / ފޮޓޯ: އެމްއޭސީއެލް

"ގާތްގަޑަކަށް 4 ނުވަތަ 5 ބްރޭންޑެއް ގެނެވޭތޯ ވާހަކަ ދައްކަމުންދަނީ. މިމަސައްކަތް ބަޔަކާއި ހަވާލުކޮށް މުހިންމު މަސައްކަތް ތަކެއް ދަނީ ކުރަމުން، ސިވިލް މަސައްކަތާއި ފެބްރިކޭޝަން މަސައްކަތް ދަނީ ކުރަމުން. ސިވިލް މަސައްކަތް ކުރުމަށްޓަކައި ބިޑް އިޢުލާންކޮށް މިމަހުގެ ތެރޭގައި ކޮންޓްރެކްޓަރ ހަމަޖެހިގެންދާނެ. ޓާރގެޓަކީ ޖޫން ޖުލައި ހިސާބުގައި މިކަމަށް ބޭނުންވާ އިމާރާތް ނިނެމާލެވޭނެކަމަށް. އިންޓަރނޭޝަނަލް ބްރޭންޑް ތަކެއް ގެނެވޭނެކަމަށް އުންމީދުކުރަނީ. އާދިލް މޫސާ ވިދާޅުވިއެވެ. 

އެފް.އެންޑް ބީ އައުޓްލެޓްތައް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ޑޮމެސްޓިކް ޓާރމިނަލްއަށް އަންނަ މީހުން ލަފާ ޖެޓީ ސަރަޙައްދުގައެވެ. އެއަރޕޯޓަށް ފްރެންޗައިޒްގެ މި ބްރޭންޓްތައް ގެނައުމުގެ މަސައްކަތްކުރަމުންދާއިރު، ރަސްފަންނުގައި ހަދަމުންދާ ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާ ހަޓް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މަޝްހޫރު ބްރޭންޑެއްކަމަށްވާ ބަރިސްޓާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.