ވިޔަފާރި

ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ވިއްކައިފި


ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެތެރޭގައި ދަތުރުވެރިންނަށް 15 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ސީދާ އެމްއެމްއޭއިން ޑޮލަރު ވިއްކެވުމަށް ހަމަޖައްސަވާ މިދިޔަ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެމްއެމްއޭއިން ވަނީ ރާއްޖެއިން ބޭރަށް ފުރާ ދިވެހި ޢާންމުންނަށް ޑޮލަރު ވިއްކަވާފައެވެ. އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭއިން ވަނީ އެގާރަހާސް ފަސް ސަތޭކަ ފަސްދޮޅަސް ދެ ކަސްޓަމަރަކު ހުށަހެޅި ތިރީސްހާސް ފަސް ސަތޭކަ ދެ ޓިކެޓަކަށް ޑޮލަރު ވިއްކަވާފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން ސީދާ އެމްއެމްއޭއިން ޑޮލަރު ވިއްކެވުމަށްފަހު، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެމްއެލުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑޮލަރު ދޫކުރުމުގެ ޚިދުމަތް ދޭން ފަށާފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު ޑޮލަރު ލިބޭނެ އާ ނިޒާމެއް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން މިހާރު އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ފުރުމަށް އެއަރޕޯޓަށް ގޮސް ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލަރާ ހަމައަށް ކަމަށާއި އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް އެބޭންކުން ހާމަކުރެއެވެ. އަދި ރާއްޖޭގެ އެހެން އިންޓަރނޭޝަނަލް އެއަރޕޯޓަކުން ދަތުރުކުރާ ނަމަ، އެ އެއަރޕޯޓަކާ އެންމެ ކައިރި ބްރާންޗަކަށް ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.