ކުޅިވަރު

އޭ.އޭ.އެސް.އެފް ކޮމެޓީގެ 2 ގޮނޑި ރާއްޖެއަށް ލިބިއްޖެ


އޭޝިއަން ސްވިމިންގ ފެޑަރޭޝަންގެ ޓެކްނިކަލް ސްޓޭންޑިންގ ކޮމިޓީތަކުގެ 2 ގޮނޑި ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. ސްވިމިންގް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ހޮވިފައިވަނީ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަށެވެ. އަދި ފައިނޭންސް އެންޑް މާރކެޓިންގ ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ ސްވިމިންގް އެސޯސިއޭޝަނުގެ ހަޒާންދާރު ޢަލީ ޝަމީމްއެވެ. މިކޮމެޓީތަށް ނަގާފައިވަނީ 2020 ވަނަ އަހަރާ ހަމައަށެވެ. ސްވިމިންގް އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިތުރުން އޮލިމްޕިކް ކައުންސިލް ފޮރ އޭޝިއާގެ ސްޕޯރޓްސް ފޮރ އޯލް ކޮމިޓީގެ މެންބަރެކެވެ.

މިދެ ކޮމެޓީއާ ގުޅޭގޮތުން ވާހަކަދައްކަމުން ސްވިމިންގެ އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ހޮވުނު ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަކީ ސްވިމިންގ އެސޯސިއޭޝަނުން އެގޮނޑިއަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ގޮނޑިއެއްކަމަށެވެ. ހާއްސަކޮށް ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ސަބަބުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށާއި، ދިވެހި ރާއްޖޭގެ ފެތުންތެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިގެންދާނެކަމަށެވެ. ރާއްޖޭގެ ފެތުންތެރިން އެކިއެކި ގައުމުތަކަށް ތަމްރީން ކުރުވުމަށް ފޮނުވުމާއި، މިހާރު ރާއްޖެއަށް ލިބެމުންދާ ފުރުސަތު އިތުރުކޮށް، ރާއްޖޭގެ ކޯޗުން އެކި ގައުމުތަކަށް ފޮނުވުމަށްވެސް މިކޮމެޓީގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

 ބޭރު ގައުމުތަކުގެ ކޯޗުން ރާއްޖެ ގެނެސް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށްވެސް ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ސަބަބުން އިތުރު ފުރުސަތުތަކެއް ރާއްޖެއަށް ހުޅިވިގެންދާނެކަމަށް ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާއީލް އަލީ ވިދާޅުވިއެވެ. އިސްމާއީލް ވިދާޅުވީ  އެސޯސިއޭޝަންގެ ޙަޒާންދާރު ޢަލީ ޝަމީމް ހޮވުނު ފައިނޭންސް އެންޑް މާރކެޓިންގ ކޮމިޓީގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އެހީތައް އިތުުރުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވަގެންދާނެކަމަށެވެ.