ކުޅިވަރު

މާޒިޔާގެ ބިދޭސީ ފޯވާޑް ޓީމާ ގުޅިއްޖެ


ކުރިއަށް އޮތް ސީޒަންގައި މާޒިޔާގެ ފޯވާޑްލައިން ބަލަހައްޓަން ގެންނަން ނިންމި ބިދޭސީ ފޯވާޑް މިއަދު ރާއްޖެ އައިސް ޓީމާއި ގުޅިއްޖެއެވެ. ސަރބިއާގެ އަލެކްސަންޑަރ ރަކިޗް މިއަދު ޕްރެކްޓިސްގައި ބައިވެރިނުވިނަމަވެސް ޕްރެކްޓިސް ކުރި އިރު ޓީމާއެކު އޭނާވެސް އުޅުނެވެ. 

ސަރބިއާގެ ފުރަތަމަ ޑިވިޝަންގައި ކުޅުމަށްފަހު މާޒިޔާއާ ގުޅުނު ފޯވާޑް ވަނީ މީގެކުރިން ވިއެޓްނާމާއި ބަހްރެއިންގައިވެސް ކުޅެފައެވެ. 27 އަހަރުގެ ފޯވާޑް މާޒިޔާއިން މިގެނައީ ޤައުމީ ކެޕްޓަން އަލީ އަޝްފާޤް ކްލަބްގައި މަޑުނުކުރުވަން ނިންމުމަށްފަހުއެވެ. ކްލަބުން ބުނެފައިވަނީ އަޝްފާޤު ނެތްތައްވެސް ނުދައްކާނެ ކަމަށާއި ދިޔަ ކުޅުންތެރިން ނެތްތައް ފޫބައްދަން ކުޅުންތެރިން ގެންނާނެކަމަށެވެ. 

ބިދޭސީ އިތުރު ތިން ކުޅުންތެރިން ކުރިއަށް އޮތް ސީޒަނަށް މާޒިޔާއަށް ގެންނާނެއެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ 2015 ވަނަ އަހަރު އެޓީމަށް ކުޅުނު ކިރްގިސްތާނުގެ އެއްވަނަ ކީޕަރެވެ.