ކުޅިވަރު

އަނިޔާގެ ސަބަބުން ވޮލީ ޓީމްގެ ޝާއިންޓޭ މަހަކަށް ކުޅުމާ ދުރަށް


ޤައުމީ ވޮލީ ޓީމްގެ ޝާޢިން މުހައްމަދު އެއް މަސްދުވަހަށް ކުޅުމާ ދުރައްދާން ޖެހިއްޖެއެވެ. ޝާއިން މަސް ދުވަހަށް ކުޅުމާ ދުރައްދާންޖެހުނީ ނިމިގެންދިޔަ ސެންޓަރަލް ޒޯން ވޮލީ މުބާރާތުގައި ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ.

 ޕީއެސްއެމްއަށް މަޢުލުމާތުދެމުން ޝާއިން ބުނީ މިހާރު ޤައުމީ ފުޓްބޯޅަ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބަށް ދައްކާފައިވާކަމަށާއި، ރެސްޓް ކުރުމަށް ޝަކީބް އަންގާފައިވާކަމަށެވެ. ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިޔާ ބުނީ ޝަކީބުގެ އިރުޝާދުގެ މަތީން މިހާރު ކޮންމެ ދުވަހަކުވެސް މޫދަށް ގޮސް ކަސްރަތު ކުރަމުންދާކަމަށެވެ. 

ޤައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބް ވިދާޅުވީ ޝާޢިންގެ ބުރަކަށީގެ މަސްގަނޑަށް އަނިޔާވެފައިވާކަމަށެވެ. ނަމަވެސް ކަށީގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިނުވާކަމަށެވެ. 

" އާންމު ގޮތެއްގައި މިފަދަ އަނިޔާތަކަށް މަދުވެގެން ތިން ހަފްތާވަންދެން ފަރުވާ ކުރަންޖެހޭ. " ޤައުމީ ފުޓްބޯޅަ ޓީމްގެ ފިޒީޝަން ވިދާޅުވިއެވެ.

ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޝާއިންއަށް އަނިޔާވުމުން، ނޭޕާލް މެޗަށް ފަހު ދެން ކުޅުނު ހަތަރު މެޗުގައިވެސް ޝާޢިން ކުޅެފައެއްނުވެއެވެ. އިންޓަރ ސްކޫލުން ވިދާލި ޝާޢިން ފާހަގަ ކުރެވިފައިވަނީ ބާރަށް ޝޮޓްޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.