ކުޅިވަރު

މޯލްޑިވްސް އިންޓަރ ނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އަލުން ފަށަނީ


މޯލްޑިވްސް އިންޓަރ ނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އަލުން ފަށަން ނިންމައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދެއްވި ގޮތުގައި 2008ވަނަ އަހަރު ބާއްވަން ފެށި މުބާރާތް ފާއިތުވި 2 އަހަރު ނުބޭއްވުނީ  އިންޑޯ ކޯޓަށް ދިމާވި މައްސަލަތަކާ ގުޅިގެންނެވެ.

 މިއަހަރުގެ ޖުލައި މަހުގެ 30ވަނަ ދުވަހަަށް މުބާރާތް ތާވަލްކޮށް އެސޯސިއޭޝަނުން މިހާރު ގެންދަވަނީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރައްވަމުންނެވެ. ޔޫތް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށްވެސް އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ. ސްޕޯޓްސް ޓުއަރިޒަމްގެ ދަށުން މުބާރާތް ޕްރޮމޯޓް ކުރުމާބެހޭ ބައެއް ކަންތައްތައް ހަމަޖެއްސެވުމަށް، ޓުއަރިޒަމް މިނިސްޓްރީއާއެކުވެސް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދެއްވިއެވެ. ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ތަރައްގީ ކުރުމަށްވެސް މިމުބާރާތުގެ ސަބަބުން ގިނަ ފައިދާތަކެއް ފާއިތުވެގެންދިޔަ އަހަރުތަކުގައި ކޮށްފައިވާކަން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.

އިންޑޯ ކޯޓްގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ޗޭންޖިންގ ރޫމެއް މިހާރު ޤާއިމް ކުރެވިފައިވާކަމަށާއި، އިތުރު ދެ މީޓިންގ ރޫމް ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއްވިއެވެ. 

މޯލްޑިވްސް އިންޓަރ ނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ރާއްޖޭގައި ބޭއްވުމަށް ބައެއް ކަހަލަ މަރާމާތުތައް އަދިވެސް ކުރަންޖެހޭކަން އެސޯސިއޭޝަނުން ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑަށް ރަނގަޅުކުރަން ޖެހެނީ އިންޑޯ ބެޑްމިންޓަން ހޫނުގެ މައްސަލަކަމަށާއި، އެތަނުގެ ތެރޭގައި އުފެދޭ ހޫނު ވައި ބޭރުކުރެވޭނެ ކޮންމެވެސް ނިޒާމެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދެއްވިއެވެ.