ޚަބަރު

ޗައިނާ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި


ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިނިސްޓަރ ޑރ.މުހައްމަދު އާސިމް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓަރ ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ނައިބު ރައީސް ލީ ޔުއާންޗާއޯ އާއި ފޮރިން މިނިސްޓަރު ވޭންގް ޔީއާ ބައްދަލުކުރައްވާ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކުން  މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސް ލިއު ލިއާންގއާ ވެސް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ބައްދަލުކުރައްވާފައިވެއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޙާރިޖީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރ އާސިމް ވަނީ މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރާވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވަނީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އާސިމްއަށް އަރުއްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ހާރިޖީ ގުޅުންތަކާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކާ މެދުވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެެއެވެ.

މި ދަތުރުފުޅަކީ މިނިސްޓަރ ޑރ.މުޙައްމަދު އާސިމް، ފޮރިން މިނިސްޓަރގެ މަޤާމަށް އައްޔަން ކުރެއްވިފަހުން ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.