ކުޅިވަރު

އަތޮޅު ތެރޭގެ ގަދަ 4 ޓީމަށް، މާލޭގެ ގަދަ ހަތަރަކާ ވާދަކުރެވޭނެތަ؟


2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުރެވޭ އުއްމީދުތައް ބޮޑުވެއްޖެއެވެ. ފުޓްބޯޅަ ސީޒަންގެ ވާހަކަތައް ދެކެވޭ މިންވަރު އިތުރުވެއްޖެއެވެ. ކްލަބްތައް ވަރުގަދަކޮށްފިއެވެ. ފަސޭހައިން ލީގަށް ވާދަނުކުރެވޭނެ ފޯމެޓަކަށް ކަލަންޑަރުގައި ހުރި މުބާރާތްތައް ބަދަލުކޮށްފިއެވެ.

ނިމިގެންދިޔަ އަހަރުތަކުގައި ފުރަތަމަ ޑިވިޝަންގެ 8 ޓީމަކީވެސް ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ވާދަކުރާނެ، އެފުރުޞަތު އޮތް ޓީމެކެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ޓީމަކަށްވީތީ ލިބޭ ފުރުޞަތެކެވެ. ލީގުގެ ގަދަ ހަތަރު ޓީމަށްވެސް އިނާމް ފައިސާ ލިބެއެވެ. ސަބްސިޑީވެސް ލީގުގައި ވާދަކުރާ ޓީމްތަކަށް ލިބެއެވެ. ނަމަވެސް މިއަހަރު އެކަން ބަދަލުވާނެއެވެ. ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ވެގެން ދިވެހި ޕްރިމިއަރ ލީގުގައި ވާދައެއް ނުކުރެވޭނެއެވެ. އެ ލީގަށް ޖެހޭނީ ކޮލިފައިވާށެވެ. އެކަމަށް އޮތީ މާލޭ ލީގުގައި ވާދަކުރުމެވެ. އަށް ޓީމްގެ ތެރެއިން ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނީ ހަތަރު ޓީމަށެވެ. އެފްއޭއެމްއިން ދޭ ސަބްސިޑީ ފައިސާގެ ތެރެއިންވެސް ކަނޑައެޅޭ ވަކިބައެއް މިލިބެނީ ޕްރިމިއަރ ލީގަށް ކޮލިފައިވުމުން، އެޓީމްތަކަށެވެ. އެހެންކަމުން ގަދަ ހަތަރެއް އިތުރަށް މަޖުބޫރުވެ، ވާދަވެރިވާނެއެވެ. ދިވެހި ޕްރިމިއަރ ލީގުން ދެން ޖާގަ ލިބޭނީ މިނިވަން ޗެމްޕިއަންޝިޕް ނުވަތަ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމަށެވެ. މާލޭގެ ހަތަރު ޓީމާއި، އަތޮޅުތަކުގެ ގަދަ ހަތަރު ޓީމް ވާދަކޮށްގެން މެނުވީ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކަނޑައެއް ނޭޅޭނެއެވެ. ވިސްނުމަކީ ރާއްޖޭގެ ޗެމްޕިއަން ހަމައެކަނި މާލެއިން ނުނެގުމެވެ. ރާއްޖޭގެ ޗެމްޕިއަން މުޅި ރާއްޖެއިން ނެގުމެވެ. އަދި އަތޮޅުތަކުގެ ޓީމްތަކާއި ކުޅުންތެރިންނަށް ފަހި ފަސޭހަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމެވެ.

img:http://s4.psmnews.mv/images/660x400/14839409856954.jpg|އަތޮޅުތަކުގެ ޗެމްޕިއަން އޭދަފުށި: ފޮޓޯ-ޕީއެސްއެމް

ސުވާލަކީ އަތޮޅުތަކުން އަންނަ ހަތަރު ޓީމަށް މާލޭގެ ގަދަ ހަތަރު ޓީމާއި ވާދަކުރެވޭނެހެއްޔެވެ؟ ފުޓްބޯޅައަށް ހުސްވެ، އެތައް އަހަރެއް ހޭދަކޮށް ބައެއް ފަހަރު މަހުޖަނުން ޚަރަދުކުރާ ކްލަބްތަކާއި އަތޮޅުތަކުގެ ޓީމްތައް ވާދަކުރާނީ ކިހިނެއްހެއްޔެވެ؟ އެޝައުޤާއި، އެކެޕޭސިޓީއާއި ފެންވަރު އަތޮޅުތަކުން އަންނަ ޓީމްތަކުގައި އެބަހުރި ހެއްޔެވެ؟

" ރާއްޖޭގެ ގަދަ ހަތަރު ޓީމާއި ވާދަކުރެވޭ ފެންވަރެއް އަތޮޅުތަކުން އަންނަ ޓީމްތަކުގައި ނުހުންނާނެ. އަތޮޅު ތަކުން ދާ ޓީމް ކޮޅަށް ނިއުރޭޑިއަންޓުން ދިހަ ލަނޑު ޖަހާލީމަ އަތޮޅުތަކުން ދާ ޓީމްގެ ހިތްވަރު އިތުރަށް އެލޭނީ. އެމީހުން ( ބޮޑަތި ކްލަބްތައް ) އަތުގައި އޮތްވަރަށް ފައިސާއާއި، މޮޅު ކުޅުންތެރިން އަތޮޅޫތަކުގެ ޓީމްތައް ހޯދާނީ ކިހިނެއް؟ " މިދިޔަ މަހު ނ.އަތޮޅުގައި ނިމުނު ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ޗެމްޕިއަންކަން ހޯދި ނ.ހޮޅުދޫ ޓީމްގެ ކެޕްޓަން އަދި ބީ ލައިސަންސް ކޯޗު މޫސާ އިބްރާހީމް ސުވާލަކީ މިއީއެވެ.

ކުޅިވަރަށް ޚިދުމަތްކުރުމުން ޒުވާނުންގެ ޤައުމީ އިނާމްވެސް ހާޞިލްކޮށްފައިވާ މޫސަ ބުނީ ގަދަ ހަތަރު ޓީމްގެ ބަދަލުގައި ދެން އޮތް ހަތަރު ޓީމާ ވާދަކުރެވިދާނެކަމަށެވެ. އެހެން ހަދައިފިނަމަ މާ ރަނގަޅުވާނެކަމަށާއި، އެޓީމްތަކާއި ވާދަކުރަން ތައްޔާރުކަމަށެވެ.

" މިކޮޅޫގައި ވަރަށްބޮޑަށް ވާހަކަ ދެކެވުނު އެކަމާ. މިކޮޅުގައި ( ރަށުގައި ) ވާހަކަދެއްކެވުނު އިރުވެސް އެއްބަސްވި ގަދަ ހަތަރެއް ނަގާފަ ދެން އޮންނަ ހަތަރު ޓީމާއި ވާދަކޮށްލެވިދާނޭ " މޫސަ ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14839410691175.jpg|އޭދަފުށި ސަޕޯޓަރުން މާލެ އައިސް ޓީމަށް ސަޕޯރޓް ކުރަނީ: ފޮޓޯ-ޕީއެސްއެމް

މޫސަގެ ވާހަކަ ރަނގަޅެވެ. ނަމަވެސް މުޅިން އެގޮތަށް އެއްބަސްވެވެން ނެތް އެއް ސަބަބަކީ މިއަހަރުގެ ޕްރެޒިޑެންޓްކަޕްގައި ފޭދޫ ޓީމް ނެރުނު ރަނގަޅު ނަތީޖާއެވެ. މާޒިޔާއާ ދެކޮޅަށްވެސް ދެއްކި ކުޅުމާއި ފަރަޤު ކުޑަ ނަތީޖާއެވެ. 

އަތޮޅުތަކުގެ ޓީމްތަކަށް ދެން އޮތް ހުރަހަކީ ދިގު މުއްދަތެއްގައި އަތޮޅު މުބާރާތަށް ތައްޔާރުވެ، އެމުބާރާތާއި، ޒޯން އަދި ޒޯންތަކުގެ ޗެމްޕިއަނުންގެ ބުރު ކުޅެ ނިމޭއިރު ޓީމްގައި ތިބި ކުޅުންތެރިންގެ ޗުއްޓީ ހަމަވެ ރިސޯޓަށް ފުރަންޖެހުމެވެ. އޮފީހަށް ނިކުންނަން ޖެހުމެވެ. އަތޮޅު މުބާރާތުގެ އިތުރުންވެސް އަތޮޅުތަކުގައި ބޭއްވޭ އެކި ފެންވަރުގެ މުބާރާތްތަކުގައިވެސް ކުޅެން މިތިބީ ހަމަ އެއް ކުޅުންތެރިންތަކެކެވެ. ބައެއް ރަށްރަށާއި، އަތޮޅުތަކުން އަތޮޅު މުބާރާތަށްވުރެ އަމިއްލަ ފަރާތްތަކުން ބާއްވާ އިނާމް ފައިސާ ބޮޑު މުބާރާތްތަކަށް އޮންނަ ޝައުޤުވެސް ބޮޑެވެ.

ފައިސާގެ މައްސަލައަށް ހައްލެއް އޮތްކަމުގެ ޔަޤީންކަން އެފްއޭއެމްއިން ދެއްވައެވެ. މާލެއައިސް ވާދަކުރެވޭ ވަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން އެފްއޭއެމް އޮތީ ތައްޔާރަށެވެ. އެކަމަށް ސަރުކާރުން އޮތީ އެހީވެދޭށެވެ.

" މާލެއައިސް ރަނގަޅަށް ކައިގެން ތިބެވޭނެ ވަރުގެ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން. އެޔަޤީންކަން ދެން " ޓީވީއެމްގެ ސްޕޯރޓްސް ބީޓް ޕްރޮގްރާމްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން ވިސްނުމަކީ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ޓީމްތަކަށްވެސް މާލީ އެހީދިނުންކަމަށް ވާތީ، އެއެހީތެރިކަންވެސް ކްލަބްތަކަށް ލިބޭނެއެވެ. ކުޅިވަރާއި ބެހޭ ޤާނޫނުގެ ތެރެއިން ކުޅިވަރު ކުޅުންތެރިން މުބާރާތްތަކަށް ދޫކުރެވޭނެ ނިޒާމްތަކެއް ވަނީ ހަމަޖައްސަވާފައެވެ. މުބާރާތް ފެށުމުން އަތޮޅުތަކުގެ ޓީމްތަކަށް ހުރަސްތަކެއް ހުރިނަމަ އިތުރު ގޮތްތަކެއް ހެދިދާނެކަމަށް ޤަބޫލުކުރެވެއެވެ.

img:http://s1.psmnews.mv/images/660x400/14839411126812.jpg|ފޭދޫ ޓީމް މާޒިޔާއާއި ދެކޮޅަށް ކުޅެނީ: ފޮޓޯ-ޕީއެސްއެމް

އެންމެފަހުން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށި ޓީމްގެ ކެޕްޓަން އަދި ކޯޗު އަބުދުލްމަޖީދުގެ ކަންބޮޑުވުމަކީ އަދި އެހެންކަމެކެވެ.

" އަޅުގަނޑުމެން މިޖެހެނީ ވެލި ދަނޑުގައި ކުޅެފަ ގޮސް ވިނާގައި ކުޅެން. އެމީހުން ( ބޮޑަތި ކްކަބްތައް ) އަބަދު މިކުޅެނީ ވިނަ ދަނޑުގައި. އެއީ ވަރަށް ބޮޑު ތަފާތެއް. އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އަހަރެމެންނަށް އެންމެ ރަނގަޅަށް ގޮސް ކުޅެ ނުލެވޭ. އިންފްރާސްޓްރަކްޗަރ ޤާއިމްކޮށްފަ ފުރުޞަތު ދީފިއްޔާ ގަދަ ހަތަރު ޓީމާވެސް ވާދަުރާނަން، ވާދަކުރެވޭނެ. އިންފްރާސްޓްރަކްޗަރ ޤާއިމްކުރަންވީ " އޭދަފުށީގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ވާހަކައަކީ މިއީއެވެ.

މުބާރާތްތަކުގެ ފޯމެޓަށް ބަދަލުގެނައިއިރު އެކަމުގައި އިސްކޮށް މަސައްކަތްކުރެއްވި ޓެކްނިކަލް ބޭފުޅަކު މިހުރިހާ ސުވާލުތަކަށްވެސް ޖަވާބުދެއްވިއެވެ. އޭނާ ވިދާޅުވީ ކައިރިއަށް ނުވިސްނާ ދުރަށް ވިސްނައިފިނަމަ މީގެ ފައިދާ ފެންނާނެކަމަށެވެ.

" ރަނގަޅު. ފުރަތަމަ ހަތަރު އަހަރު އަތޮޅު ތަކުގެ ޓީމްތައް ކޮޅަޑް ގިނަ ލަނޑުތަކެއްވެސް ޖަހާފާނެ. އެމީހުންނަށް ވާދައެއް ނުކުރެވޭނެ. އެކަމަކު ފަހުން ކިހިނެއްތޯ އިނގެނީ ސެންޓޭ ރަށުގައި ހުރެގެން ރަށު ޓީމަށް ކުޅެން ނުނިންމާނެކަމެއް. " އޭނާ ވިދާޅުވިއެވެ. 

އޭ ލައިސެންސް ކޯޗު ވިދާޅުވީ މުބާރާތް ބައްޓަން ކުރެވިފައި އޮތީ ވަޞީލަތްތައްވެސް ޤާއިމްކުރަމުންދާ ގޮތަށް ކަމަށާއި، ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯވެސް އެއޮތީ އެގޮތަށްކަމަށެވެ. އަދި މީގެ ހަޤީޤީ ވިސްނުމަކީ އަދި ޤަބޫލުކުރަންޖެހޭ ކަމަކަކީ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހަމައެކަނި މާލެއިން ނަގައިގެން ނުވާނެކަން ކަމަށެވެ. އެހެން ހަދައިފިނަމަ ނުވަދިހަ ޕަސަންޓް ހަނދާން ނައްތާލެވުނީކަމަށް އޭނާ ވިދާޅުވިއެވެ. ނުވަދިހަ ޕަސަންޓަކީ އަތޮޅު ތެރެއެވެ. ކުޅުންތެރިންގެ ވަޒީފާގެ ސަބަބުން ހުރި ހުރަސްތަކަށާއި، މާލީ ދަތިތަކަށްވެސް އޭނާ ޖަވާބުދެއްވިއެވެ.

" މިސާލަކަށް ބަލަމާ، ނ.އަތޮޅުން ޓީމެއް މާލެ އަންނަ އިރު އެއަތޮޅުގެ ރިސޯރޓްތަކުން އެކުޅުންތެރިން ދޫނުކުރާނެތޯ މުބާރާތަށް؟ އެދާއިރާގެ މެމްބަރުން ޚަރަދު ނުކުރާނެތޯ؟ ނޫނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް މުއްސަނދިން ޚަރަދު ކުރާގޮތަށް އަތޮޅުތަކުގެ ޓީމްތަކަށް ކުރިމަގުގައި ހަރަދު ނުކުރާނެތޯ؟ އޭނާ ސުވާލުތައް ކުރިމަތިކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14839413591361.jpg|މާޒިޔާއާއި ފޭދޫ ޕްރެޒިޑެންޓްކަޕްގައި ވާދަކުރަނީ: ފޮޓޯ-ޕީއެސްއެމް

އެފަދަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނަމަ ބޭރުގެ ރަނގަޅު ކުޅުންތެރިންނާއި، ކޯޗުން މުބާރާތަށް ގެނައުމުގެ ފުރުޞަތު އަތޮޅުތަކުގެ ޓީމްތަކަށްވެސް އެބައޮތެވެ. އެހެންކަމުން ކުރިމަގަށް ވިސްނައިފިނަމަ ރަނގަޅު ބަދަލެއްކަމަށް ނުވަތަ އަތޮޅުތަކުގެ ޓީމްތަކަށްވެސް ވާދަކުރެވިދާނެކަމަށް ނިންމިދާނެއެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ވަރަށް ބަރާބަރަށް ކުރިއަށްގެންދެވިގެންނެވެ.

" މީގައި ދިމާވަންޏާ ދިމާވާނެ މައްސަލައަކީ އެފްއޭއެމްއަށް މިކަން ރަނގަޅަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވުނު. އެފްއޭއެމްގައި އެ ސްޓްރެންތް ހުރީ ކިހާވަރަކަށްތޯ ސުވާލަކީ. އެސްޓްރެންތް ހުރެއްޖެނަމަ މިކަން ކާމިޔާބުވާނެ " ކޯޗު ވިދާޅުވިއެވެ.

މިބަދަލުތަކާއެކު 2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ބަލާލަން ކެތްމަދުވެފައި އެތަކެއް ދިވެހި ސަޕޯޓަރުން މިހާރުވެސް އެބަތިއްބެވެ.