ތަޢުލީމު

އަމީނިއްޔާގެ އައު ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެ


އަމީނިއްޔާ ސްކޫލްގައި ޢިމާރާތް ކުރައްވާ 8 ބުރީގެ ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް މުޅިން ނިމިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މިހާރު ކުރަމުންދަނީ އެ ސްކޫލްގެ އައު ޢިމާތާރުގެ ފިނިޝިންގގެ މަސައްކަތްކަމަށެވެ. މާލޭގައި ހުންނަ އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ޖާގައިގެ ގޮތުން ބަލާއިރު ބޮޑު ސްކޫލެކެވެ. މިސްކޫލްގައި ކިޔަވައިދެއްވަމުންގެންދިޔަ ކުލާސްރޫމްތައް ބާވުމާއެކު، އެސްކޫލަށް ޖާގައިގެ ތަނަވަސްކަން ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ވަނީ 8 ބުރީގެ ޢިމާރާތެއް، އެޅުއްވުމަށް ކޮންޓްރެކްޓް އުސޫލް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކުރައްވާފައެވެ. މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ 2015 ވަނައަހަރު ގެ ޖުލައިމަހުއެވެ.

އަމީނިއްޔާ ސްކޫލްގެ އައު ޢިމާރާތާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ.

"މި ޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓެއް. ވަރަށް ބާރަށް މަސައްކަތް ކުރިޔަށް އެބަދޭ. އަމީނިއްޔާ ސްކޫލްގެ 8 ފަންގިފިލާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި. ކޮންކްރީޓް މަސައްކަތް ވަނީ ނިމިފައި. ޓެރަސްގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުން. ޓެރަސްގެ ވަށައިގެން ހުންނާނެ، ޕެރަޕެޓް ވޯލް ކިޔާ ފާރެއް. އެފާރު ރޭނުމާއި އެމަސައްކަތް މިހާރު ކުރަމުން އެގެންދަނީ." އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ. 

އަމީނިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ކުރިޔަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

" ތަފާތު ޙަރަކާތްތައް ހިންގުމުގެ ޖާގަ ލިބިގެންދާނެ. ބޭނުންނުކުރެވޭ ޢިމާރާތްތައް ބެހެއްޓުމުގެ ބޭނުމެއް ނުހުންނާނެ. ތަޅާލާފައި ސްޕޭސް ބޮޑު ކުރެވިގެންދާނެ. މިތަނުގައި ހުންނާނެ 52 ކުލާސް ރޫމް. ކުލާސް ރޫމްގެ އިތުރަށް ހުންނާނެ ލެބް ފެސިލިޓީސް ، ކޮންޕިއުޓަރ ލެބާއި ސައިންސްލެބް ލައިބްރަރީ ފެސިލިޓީސް އާއި އިދާރީ އޮފީސް ހުންނާނެ. އެކަށީގެންވާ އަދަށް ކުލާސްރޫމް ލިބޭނެ." އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ. 

އަމީނިއްޔާ ސްކޫލްގައި ޢިމާރާތް ކުރައްވަމުންގެންދާ އައު އިމާރާތަކީ ޕީ.އެސް.އައި.ޕީގެ ދަށުން އިމާރާތްކުރާ ޢިމާރާތެކެވެ.