ޚަބަރު

ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވުމަށް 500 ފޯމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން "ހީވާގި ކަނބަލުން" ގެ ނަމުގައި ބޭއްވެވުމަށް ހަމަޖެހިފައިވާ މަސައްކަތްތެރިކަމުގެ މަޢުރަޒުގައި މިހާތަނަށް 500 ފޯމް ހުށަހަޅާފައިވާކަމަށް މައުރަޒު އިންތިޒާމް ކުރާ ފަރާތުން ވިދާޅުވެއްޖެއެވެ.

މިމަޢުރަޒު ބޭއްވެވުމަށް ނިންމަވާފައިވަނީ، މައިގަނޑު 4 ދާއިރާއަކުން، 25 ގިންތިއެއް ހިމެނޭގޮތަށްކަމަށް މައުރަޒުގެ އެޑްމިނިސްޓްރޭޓިވް ޓީމުގެ މެންބަރު ޢާޝިޔާ ޞާލިޙް ވިދާޅުވިއެވެ.

މިމައުރަޒުގައި އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ކޮންމެ މަސައްކަތެއް ބައިވެރިކުރެވޭނެކަމަށާއި މި މައުރަޒުގައި ބައިވެރިވުމަށް ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކަވަން ޖެހިވަޑައިނުގަންނަވާނެކަމަށް މަޢުރަޒު އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއްވައެވެ. އަދި ގްރޫޕްގެ ގޮތުގައި މަސައްކަތް ކުރަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ލިބިވަޑައިގަންނަވާނެކަމަށް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ ހެޑް އަދި ސްޓިއަރިންގ ކޮމެޓީގެ މެމްބަރު އާމިނަތު މާޝާ ވިދާޅުވިއެވެ.

މިމައުރަޒު ބޭއްވެވުމަށް ނިންމަވާފައިވަނީ ފެބްރުއަރީ މަހުގެ 23 ން 27 އަށެވެ. އަދި ތަކެތި ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ، ފެބްރުއަރީ މަހުގެ 10-14 އަށެވެ. މުޅި މަޢުރަޒުން އެއްވަނައަށް ހޮވޭ ފަރާތަކަށް ސަތޭކަ ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނައަށް ހަތްދިހަ ފަސްހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތިންވަނައަށް ދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ފަންސާސް ހާސް ރުފިޔާއެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއްވަނަ ދެވަނަ އަދި ތިންވަނައަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި މަޢުރަޒަކީ އަންހެން ކަނބަލުން ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތެއްކަމުން އުމުރުން 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މަޢުރަޒުގައި ބައިވެރިވެވޭނެކަމަށް މަޢުރަޒު އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއެވެ.