ތަޢުލީމު

މިއަދު އަލަށް 57 ކްލާސްރޫމެއްގައި ކިޔަވައިދޭން ފެށުނު- މިނިސްޓްރީ


ދިރާސީ އައު އަހަރު ފެށުނުއިރު ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެގޮތުން ސްކޫލްތަކުގައި މުޅިންއަލަށް 57 ކުލާސްރޫމެއްގައި ކިޔަވައި ދެއްވަން ފަށްޓަވާފައިކަން ފާހަގަކޮށްލެއްވެއެވެ.

ސްކޫލްތަކުގެ ޖާގަ އިތުރުކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

2016 ވަނައަހަރު މަސައްކަތް ނިންމައި، މިއަހަރު އަލަށް ބޭނުން ކުރަން ފަށާފައިވާ ކްލާސްރޫމް ޢިމާރާތްތަކަށް ބަލާއިރު، މ.ދިއްގަރު ސްކޫލްގެ 5 ކުލާސް ރޫމާއި ހޯލާއި، އއ.ބޮޑުފުޅަދޫ މަދަރުސާގައި ޢިމާރާތްކޮށްފައިވާ 6 ކުލާސް ރޫމާއި،  އައްޑޫސިޓީ މަރަދޫ ސްކޫލްގެ 4 ކުލާސްރޫމް ގެ ޢިމާރާތާއި، ށ.އަތޮޅު ޅައިމަގު ސްކޫލްގެ ދެކުލާސްރޫމާއި 4 ފާޙާނާ ހިމެނޭ ޢިމާރާތާއި، އެއަތޮޅު ފުނަދޫ ސްކޫލްގެ 16 ކުލާސް ރޫމްގެ ޢިމާރާތް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ހދ.ނައިވާދޫ ސްކޫލްގެ 2 ކުލާސްރޫމާއި ގުދަން ހިމެނޭ ޢިމާރާތާއި، ބ.ތުޅާދޫ ސްކޫލްގެ 9 ކުލާސް ރޫމް ހިމެނޭ ތިން ބުރީގެ އިމާރާތަކީވެސް މިއަހަރުގެ ދިރާސީ އަހަރު މުޅިން އަލަށް ބޭނުންކުރަން ފަށްޓަވާފައިވާ ޢިމާރާތްތަކެވެ.

މާލޭ ސްކޫލްތަކުގެ ތެރެއިން މިއަހަރު އަލަށް ކިޔަވައިދެއްވަން ފަށްޓަވާ ކުލާސް ރޫމްތަކުގެ ތެރޭގައި ޢިމާދުއްދީން ސްކޫލްގެ 4 ކުލާސްރޫމާއި ކަލާފާނު ސްކޫލްގެ 4 ކުލާސްރޫމް ހިމެނެއެވެ.

2016 ވަނައަހަރު ވެސް ވަނީ ސްކޫލުތަކުގައި އަލަށް ޢިމާރާތްކުރި 56 ކުލާސް ރޫމެއްގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފަށްޓަވާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ސްކޫލްތައް މަރާމާތު ކުރުމާއި ޖާގަ އިތުރުކުރެއްވުމަށްޓަކައި ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ.