ތަޢުލީމު

ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް


މި ފެށުނު ދިރާސީ އައު އަހަރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުމުގެ އާ މަސައްކަތްތަކެއް ފެއްޓެވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވި ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަގައި ދެއްވި ޚިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ ނިމިގެންދިޔަ ދިރާސީ އަހަރަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި މިދާއިރާއަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ޙާސިލްކުރެވިގެންދިޔަ ކާމިޔާބު އަހަރެއްކަމަށެވެ.

img:http://s1.psmnews.mv/images/660x400/14838694361466.jpg|ނޮޅިވަރަމް ސްކޫލްގެ އެސެމްބްލީއެއް ކުރިއަށްދަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އާއަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ހީވާގި މުދައްރިސުންނާއި ބެލެނިވެރިންނަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު ޝިހާމް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

މިނިސްޓަރގެ ޚިތާބުގައި، ރާއްޖޭގެ ހުރިހާ އޮތޮޅެއް ވީޑިއޯ ލިންކް މެދުވެރިކޮށް ގުޅާލައި، ތަޢުލީމާއި ތަމްރީނު ފޯރުކޮށް ދިނުމުގެ ބޮޑު މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މިނިސްޓަރގެ ޚިޠާބުގައި، ވޭތުވެދިޔައަހަރު ތަޢުލީމީ ދާއިރާއިން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާ ލައްވާފައިވެއެވެ. އަދި ކާރިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކަށް ތައްޔާރުވުމަށް، ސްކޫލްތަކުގައި އިމަރޖެންސީ ޕްލޭންތައް ތައްޔާރުކުރެވި އަލިފާން ނިއްވުމުގެ ނިޒާމު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިދިޔަ އަހަރު ޤާއިމް ކުރެވިގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14838691243673.jpg|ބ.އަތޮޅު މަދަރުސާ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޯލެވެލް އިމްތިޙާނު ހެދުމަށްފަހު އޭލެވެލްއަށް ކިޔަވަން ފެށުމާ ދެމެދު ހޭދަކުރަމުން ދިޔަ މުއްދަތު ކުޑަކޮށް، ދަރިވަރުން އޭލެވެލް އިމްތިޙާނު، އޯލެވެލް އިމްތިޙާނާއެކު މިދިޔަ އަހަރު ހަދަން ފެށިގެންދިޔަކަށް ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޕްރީސްކޫލު ތަޢުލީމް ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން މި މަރުޙަލާގެ ތައުލީމު ދޭން ފެށިގެން ދިޔައީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ގްރޭޑް ހަތަރަކާއި ހަތެއްގެ އިނގިރޭސިއާއި ހިސާބާއި ދިވެހި މާއްދާތަކުން ދަރިވަރުން ޙާޞިލް ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުމުގެ ނުވަތަ  ލިޓެރަސީ ހުނަރާއި އަސާސީ ވިޔަތައް ނުވަތަ ނިއުމަރަސީ ދެނެގަތުމަށް ހިންގުނު ނެޝަނަލް އެސެސްމަންޓްގެ މަސައްކަތް ނިމިގެންދިޔަ ދިރާސީ އަހަރު ނިންމާލާފައިވެއެވެ. އަދި ސްކޫލްތަކަށް ބޭނުންވާ ސައެންސް އިކްއިޕްމެންޓާއި ކެމިކަލްސް ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިދިޔަ އަހަރު ފޯރުކޮށްދެއްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14838695568533.jpg|ބަނޑިދޫ ސްކޫލް ކްލާސްރޫމެއް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ ފެންވަރު މަތިކުރެއްވުމަށް ޓީޗަރުން ޑިގްރީ ފެންވަރަށް މަތިކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވޭތުވެދިޔަ ދެ އަހަރުން ފަށައިގެން ޤައުމީ މަންހަޖުގެ ކީ-ސްޓޭޖް 1 2، ތަންފީޒު ކުރެވެމުންދާކަން ފާހަގަކުރައްވަމުން ކީސްޓޭޖް 3 މިއަހަރު ތެރޭ ތަންފީޒުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދަރިވަރުންގެ ހުނަރާއި ޝައުގުވެރިކަން ހުންނަ ދާއިރާއިން ކުދިން ކުރިއަށް ގެންދިއުމަށް ތަފާތު ގިނަ ފުރުސަތުތައް ފަހިކޮށްދީ، އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ތަޢުލީމާ، ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތުދެއްވަފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14780228587463.jpg|އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް - ފޮޓޯ: ޕީއެސްއެމް

އެގޮތުން 2014 ވަނަ އަހަރު ތަޢާރްފް ކުރެވުނު ބީޓެކް ސްޓްރީމްގައި މިހާތަނަށް 157 ސްކޫލަކުން 2508 ދަރިވަރުން ބީޓެކް އޯލެވެލް ހަދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2016 ވަނަ އަހަރު 11 ދަރިވަރަކު ބީޓެކް އޭލެވެލްއިން މޮޅު ނަތީޖާ ތަކަކާއިއެކު ގްރެޖުއޭޓް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ތަޢާރްފް ކުރެވިގެން ދިޔަ ދަސްވާރު ޕްރޮގްރާމްގައި 168 ސްކޫލަކުން 1480 ދަރިވަރުން ބައިވެރިވެ، ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަންވެސް މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް ފަށާފައިވާ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދިޔަކަން މިނިސްޓަރުގެ ޙިތާބުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ތަމްރީނުވީ ބޭފުޅުން، މި ފެށުނު ދިރާސީ އަހަރު ސްކޫލްތަކުގައި ޕްރިންސިޕަލްގެ މަޤާމާ ޙަވާލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14838696935368.jpg|ބަނޑިދޫ ސްކޫލް ކްލާސްރޫމެއް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ތަފާތު ކޯސްތައް ތަޢާރަފްކުރެވި، މޯލްޑިވްސް ޕޮލިޓެކްނިކުގެ ދަރިވަރުންގެ ޢަދަދު 1100އަށް މަތިކުރެވިފާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓިވެޓް އޮތޯރިޓީގެ ފަރާތުން ތަފާތު އެކި ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގަމުންދާ ކޯސްތަކުގައި 3095 ދަރިވަރަކު ބައިވެރިވެ 1708 ދަރިވަރުން މިދިޔަ އަހަރު ކޯސްފުރިހަމަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޙާލަތު ދެނެގަނެ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ސްކޫލްތަކާއި، ބެލެނިވެރިންނާ ޙިއްސާކުރުމަށް އެކަމަނާ ފެއްޓެވި ދަތުރުފުޅު މިދިޔަ އަހަރު ކާމިޔާބުކަމާއެކީ ނިންމާލެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14838699872988.jpg|ކެލާ ސްކޫލް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ

މި ފެށިގެން ދިޔަ ދިރާސީ އައު އަހަރު މިނިސްޓްރީން އަމާޒު ހިފާފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުމުގެ އާ މަސައްކަތްތަކެއް ފެށުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްގައްޔޫމުގެ ވިސްނުންފުޅާ އެއްގޮތަށް، މުޅި ތަޢުލީމީ ދާއިރާ އިން ފަށާފައިވާ އިންގިލާބީ ބަދަލާއެކު، މި ދިރާސީ އަހަރު، ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިގެންދާނެ. އަތޮޅުތަކުގައި ގާއިމްކުރެވިފައި ވީޑިއޯ ކޮންފަރެންސިން ވިއުގައިގެ ތެރެއިން ސްކޫލްތައް ގުޅާލެވި، ޢިލްމާއި ހުނަރު ފޯރުކޮށްދެވޭނެ. މީގެ ކުރިން ސްކޫލްތަކުގައި ލިބެންނެތް އެތަކެއް މަޢުލޫމާތު ކުލާހުގެ ތެރެއިން ލިބިގެންދާނެ. 21 ވަނަ ގަރުނުގެ މަޢުލޫމާތާއި ހުނަރު އެއްވެސް ދައްޗެއްނެތި އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިގެންދާނެ." މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރަކާ ކުރިމަތިލާއިރު، މި އަހަރަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ފާގަތި އުފާވެރި އަހަރަކަށް ހެދުމަށްކަމަށް އަޒުމް ކަނޑައެޅުމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލްގެ އެންމެހާ މުއައްޒަފުން ގުޅިވަޑައިގެން، ދަރިވަރުންގެ މުސްތަގްބަލް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.