ކުޅިވަރު

ނިއުއާއި މާޒިޔާވެސް ހުރިހާ ތައްޓަކަށް، ވަރުގަދައީ ކޮންޓީމެއް؟


ނިމިގެންދިޔަ 2016 ވަނަ އަހަރުގެ ސީޒަންގެ ކުރިން ދިޔަ ތިން ސީޒަންގައިވެސް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑަށް ވާންކުރި ދެޓީމަކީ ނިއުރޭޑިއަންޓާއި މާޒިޔާއެވެ. ނަމަވެސް ނިމިގެން ދިޔަ ސީޒަންގައި ނިއުރޭޑިއަންޓް އެސަފުން ބާކީވިއެވެ. 2016 ވަނަ އަހަރުވެސް މާޒިޔާ އޮތީ ދިވެހި ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައެވެ. ކޯޗު އަލީ ސުޒޭނާއެކު ނިއުއާއި މާޒިޔާގެ ވާދަވެރިކަން ބޮޑުވެގެން ދިޔައެވެ.

ދެޓީމްގެ ފަރަޤު ބޮޑު އަހަރަކަށްފަހު ކުރިއަށް އޮތީ އަނެއްކާވެސް ދެޓީމްގެ ވާދަވެރިކަން ބޮޑުވާނެ އަހަރެކެވެ. އެހެން ޓީމްތައް ބަލިކަށި ނުވި ނަމަވެސް ނިއުއާއި، މާޒިޔާގެ ފޯރިއާއި ވާދަވެރިކަން 2017 ވަނަ އަހަރު އިތުރުވާނެކަމަށް ބެލެވޭނެ ހެކިތައް މިހާރުވެސް ފެންނަން ފަށައިފިއެވެ.

ނިމިގެން ދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާޤު މާޒިޔާގައި ނުހުންނާނެކަން ކަށަވަރުވެ، އޭނާ ނިއުއަށް ސޮއިކުރާނެކަން ހާމަވެއްޖެއެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް ރާއްޖޭގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދު މާޒިޔާ ދޫކޮށް ނިއުއަށް ބަދަލުވެއްޖެއެވެ. 2016 ގެ ކުރިން ނިއުއިން މާޒިޔާގެ މައްޗަށް ފަތަހަ ހޯދީ މިދެ ކުޅުންތެރިންނާއެކުގައެވެ. މިދެ ކުޅުންތެރިން މާޒިޔާ ދޫކޮށްލާފައިވާއިރު، މާޒިޔާއިން ބުނެފައިވަނީ މާޒިޔާއިން ބޭނުންވި ކުޅުންތެރިން މާޒިޔާގައި މަޑުކޮށްފައިވާކަމަށެވެ. އަޝްފާޤަށް ކުރި އިންވެސްޓް އެންމެ ރަނގަޅުކަމަށް މާޒިޔާއިން ނުދެކޭކަމަށްވެސް އެކްލަބުން ވަނީ ބުނެފައެވެ. މިއާއެކު ދެޓީމްގެ ވާދަވެރިކަން ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ. ދެ ޓީމްގެ ސްކޮޑްވެސް ވަރުގަދައެވެ. ރާއްޖޭގެ ޤައުމީ ޓީމްގެ މުޙިންމު ގިނަ ކުޅުންތެރިން ތިބީ މިދެޓީމްގައެވެ.

މާޒިޔާގައި އަދިވެސް ޤައުމީ ސްކޮޑްގެ ބާރަވަރަކަށް ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރެއަށާް ބިދޭސީ ހަތަރު ކުޅުންތެރިން އިތުރުވެއެވެ. ކީޕަރު އިމްރާން ނެތްތައް ފޫބެއްދުމަށް ދިވެހިން ދަންނަ ކިރްގިސްތާން މޮޅު ކީޕަރު މާޒިޔާއިން ހޯދައިފިއެވެ. އަޝްފާޤު ނެތްތައް ނުދައްކާނެކަމަށް ބުނެ އަސަދުﷲއާއެކު ކުރިއަށް ކުޅެން ބިދޭސީ ފޯވާޑެއް ގެންނަން ނިންމައިފިއެވެ. މީގެއިތުރުންވެސް ބިދޭސީ ޑިފެންޑަރަކާއި އިތުރު ކުޅުންތެރިއަކު ގެންނާނެކަން ހާމަކޮށްފިއެވެ. ކްލަބްގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއް ގެނެސްފިއެވެ. މާޒިޔާގެ ކޯޗު މެސެޑޯނިއަގެ މަރުޔަން ސެކްލޮސްކީ އަކީ އޭޝިޔާގެ ފުޓްބޯޅައިގެ ތަޖުރިބާހުރި މޮޅު ކޯޗެކެވެ. ކްލަބަށް ގެންނަނީ އޭއެފްސީކަޕްގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

" މާޒިޔާ ބައްޔެއް ނުވާނެ. މާޒިޔާ ވަރުގަދަވާނެ. ވަކި ކުޅުންތެރިއަކު ނެތްތަން ނުދައްކާނެ. މާޒިޔާ ނިކުންނަނީ ހުރިހާ ތައްޓެއް ހޯދަން " މާޒިޔާގެ މެނޭޖްމަންޓްގެ ވާހަކައަކީ މިއީއެވެ.

ނިއުރޭޑިއަންޓް އާސީޒަންގައި ތަށި ހޯދަން ކުރާ އެންމެ މުޙިންމު މަސައްކަތަކީ ސްކޮޑް އޯވަރހޯލް ކުރުމެވެ. އާ ޗެއަރމަން މުޙައްމަދު ޒިޔާދު ވިދާޅުވީ ކްލަބާ ހަވާލުވިއިރު އޮތީ ބޭނުންނާ ކާމިޔާބީއާ ހަމައަށް ދެވޭވަރުގެ ސްކޮޑެން ނޫންކަމަށާއި، އެއަމާޒަށް ދިއުމަށް އެންމެ ރަނގަޅު ނޫން ކުޅުންތެރިން ދޫކޮށްލައިފިކަމަށެވެ. ޓީމަށް ގެނައީ 2016 ގެ ކުރިން ދިޔަ ތިން ސީޒަންގައި ނިއުއިން ހޯދި ކާމިޔާބީގެ މުޙިންމު ހިއްޞާދާރުންނެވެ. ޤައުމީ ކެޕްޓަން އަޝްފަޤު އަދި ސޮއި ނުކުރި ނަމަވެސް އޭނާ އަކީ ކުރިއަށް އޮތް ސީޒަންގައި އެޓީމްގެ އެންމެ މުޙިންމު ކުޅުންތެރިޔާކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. މިދިޔަ ދެ އަހަރު ބިދޭސީ ތިން ކީޕަރުން ގެން ގުޅުމަށްފަހު އަލުން ގޯލް ހަވާލުކުރަނީ އިމްރާން މުޙައްމަދާއެވެ. އަލީ އަޝްފާޤާއެކު ދެ އަރިމަތިން ކުޅޭނީ މިދިޔަ ޓޮޕް ސްކޯރަރ އަލީ ފާސިރު ( ސެންޓޭ ) އާއި ހަމްޒާ މުޙައްމަދެވެ. މީގެތެރެއަށް ބިދޭސީ ފޯވާޑެއް އިތުރުވާނެއެވެ. މާޒިޔާގެ އަރިމަތިން ހުސައިން ނިޔާޒު މުޙައްމަދާއެކު މިފަހަރު ހުންނާނީ އަލީ ހައިޝަމްއެވެ. ނިއުއިންވެސް ބިދޭސީ ހަތަރު ކުޅުންތެރިން ފެންނާނެކަން އެކްލަބުން ވަނީ ހާމަކޮށްފައެވެ. ނިއުގެ ކޯޗަކީވެސް ބިދޭސީ ކޯޗެކެވެ. ކޯޗުގެ މައުލޫމާތު އަދި ކްލަބުން ހާމައެއް ނުކުރެއެވެ. 

ފަހަތަށް ބަލާއިރު ނިއުގެ ފަހަތަށް ބިދޭސީ ޑިފެންޑަރެއް ގެންނާނެއެވެ. އޭގެއިތުރުން ތިބީ މުޙައްމަދު ރަޝީދު ( ހޮކޭ ) އާއި، އަހުމަދު އަބުދުﷲ ( ލިލީ ) އާއި، މިދިޔަ ސީޒަންގައިވެސް ނިއުއަށް ކުޅުނު މަހިބަދޫ ޑިފެންޑަރ އަހުމަދު ނުހާދުއެވެ. މާޒިޔާއަށް ޤައުމީ ޓީމްގެ ޑިފެންޑަރ އަމްދާން އަލީއާއެކު މަހިބަދޫގެ ޒުވާން ދެ ޑިފެންޑަރުންނާއި، ސަމްދޫހު މުޙައްމަދާއި، ހަސަން ޝިފާޒް ފަދަ ކުޅުންތެރިން އެބަތިއްބެވެ. ލީޑް ކުރާނެކަމަށް ބެލެވެނީ ބިދޭސީ ޑިފެންޑަރެކެވެ.

މެދުތެރެއަށް ބަލާއިރު މާޒިޔާގައި ޔަޝްފާދު ހަބީބާއި، މުޙައްމަދު އުމެއިރުއާއި، އަސްއަދު އަލީ އެބަހުއްޓެވެ. ދިވެހި ކުޅުންތެރިންނަށް ބަލައިފިނަމަ މާޒިޔާގެ މެދު ނިއުއަށްވުރެ ވަރުގަދަކަމަށް ފެނެއެވެ. ނިއުރޭޑިއަންޓްގެ މެދުތެރެ ބަލަހައްޓާނީ ބިދޭސީ މިޑްފީލްޑަރެކެވެ. ޓީމްގައި މިހާރު ތިބި ދިވެހި ކުޅުންތެރިންގެ ތެރެއިން ނިއުގެ މެދުތެރެ ބަލަހައްޓާނީ ކޮން ކުޅުންތެރިންނެއްކަން ކަށަވަރެއްނޫނެވެ. 

ބޮޑު ހޭދައެއްކޮށް ނިއުގެ އާ މެނޭޖްމަންޓްގެވެސް އަމަޒަކީ ސީޒަންގެ ހުރިހާ ތައްޓެކެވެ.

" އަޅުގަނޑާއި، އަޅުގަނޑުގެ ޓީމްގެ އެންމެ ބޮޑު އަމާޒަކީ އިރާދަކުރެއްވިއްޔާ މިއަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރުން. " ނިއުގެ އާ އެކްސްކޯއިން ސަޕޯޓަރުންނަށް ދިން އުއްމީދަކީ މިއީއެވެ. 

ސީޒަންގައި އޮތީ މިދެޓީމްގެ ހަނގުރާމަ އެކަންޏެއްވެސް ނޫނެވެ. މިދިޔަ ދެ އަހަރުވެސް ލީގުގެ ދެވަނަ ޓީސީ އޮތީ ނިދާފައެއްނޫނެވެ. ޓީމުން ދިޔަ ކުޅުންތެރިން ނެތްތައް ފޫބައްދަން ދިވެހި އަދި ބޭރު ކުޅުންތެރިން އެދަނީ ހޯދަމުންނެވެ. ވިކްޓްރީ ފިސާރި ވަރުގަދަ ޓީމެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން އެކްލަބްގެ އެކްސްކޯއިން ދީފިއެވެ. ޕްރެޒިޑެންޓްކަޕް ހޯދި އީގަލްސްގެ ސްކޮޑް އެބައޮތެވެ. އެސްކޮޑް އިތުރަށް ވަރުގަދަކޮށްފިއެވެ. ގްރީން ސްޓްރީޓް ފުރަތަމަ އަހަރުވެސް ނިކުންނަނީ ޗެލެންޖް ކުރާށެވެ. މިހުރިހާ ސަބަބުތަކާއެކުވެސް މާޒިޔާއާއި ނިއުގެ ވާދަވެރިކަމާއި ފޯރި ގަދަވާނެއެވެ. ނަމަވެސް އެދެޓީމްގެ އެކަނި ރޭހަކަށް ސީޒަން ވާނެކަމަކަށް ނުބެލެއެވެ.