ތަޢުލީމު

ތިނަދޫ ސްކޫލަކީ އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ, ނަމޫނާ ސްކޫލެއް!


ރާއްޖޭގައި ކިޔަވައިދޭ ބައެއް ސްކޫލުތަކަކީ އުފެއްދުންތެރި ތަފާތު ކަންތައްތައް ކުރާ ސްކޫލުތަކެކެވެ. މިގޮތުން ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލަކީ ދަރިވަރުންގެ ކިޔެވުމުގެ އިތުރަށް އެކުދިންގެ ތަފާތު ހުނަރާއި، އުފެއްދުންތެރިކަން ދައްކައިދެވޭފަދަ ފުރުޞަތު ހުޅުވާލާފައިވާ ސްކޫލެކެވެ.

ސްކޫލުގެ ބޭރު ދޮރޯށިން ސްކޫލުގެ ގޯތިތެރެއަށް ވަންނައިރު މި ވަދެވެނީ އާދައިގެ ސްކޫލަކަށް ނޫންކަމުގެ އިޙްސާސް ގ.ދ ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލަށް ވަނުމުން ކޮންމެ މީހަކަށް އިޙުސާސް ކުރެވޭނެއެވެ. ދަނބުކުލައިގެ މި ސްކޫލްގެ ގޯތިތެރެވެސް ފަރުމާކުރެވިފައިވަނީ ވަނީ އެކިކަހަލަ މާމެލާމެލީގެ ބަގީޗާތައް ހިމެނޭ ގޮތަށެވެ. އެލްކޭޖީން ފެށިގެން ގްރޭޑް 7 އާއި ހަމައަށް ކިޔަވައި ދެއްވާ މި ސްކޫލަށް ކިޔަވާ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެފަދަ ގޮތަކަށް ތައްޔާރުކުރައްވާފައިވާ މި ސްކޫލަކީ 400 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުން އަންނަ ސްކޫލެކެވެ.

2013 ވަނަ އަހަރު މި ސްކޫލު ހުޅުވުނީ ތިނަދޫގެ އުތުރު އަވަށުގައި ގިނަބަޔަކު އާބާދުވުމާއެކު އެ ސަރަޙައްދަށް ސްކޫލެއްގެ މުހިންމުކަން ބޮޑުވެގެންނެވެ. މި ސްކޫލުގެ ލަނޑުދަނޑިތަކަށް ބަލާއިރު ޚުލްޤުހެޔޮ ދަރިންތަކެއް ބިނާކުރައްވައި، އިސްލާމީ ތަރުބިއްޔަތު ދެއްވުމާއި ޢިލްމު އުނގަންނައިދެއްވުމާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ހިމެނެއެވެ. މިކަން އެ ސްކޫލުގެ އެކި ދިމަ ދިމާއަށް ބަލާލުމުންވެސް ފާހަގަކުރެވެއެވެ. އެ ސްކޫލުން ވަނީ ދަރިވަރުން ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ކުރެއްވުމަށް ގްރޭޑް 1 އިން 4 އާއި ދެމެދުގެ ހުރިހާ ކްލާހެއްގައި ޓީވީ ބަހައްޓަވާފައެވެ.

އަދި ކިޔަވައިދެއްވުމުގެ ފެންވަރު ރަނގަޅު ކުރައްވާ، ކުދިން ޝައުޤުވެރި ކުރުވާފަދަ ގޮތަކަށް ކިޔަވައިދެއްވުން ބައްޓަން ކުރެއްވުމަށް އޯޑިއޯ ވިޒުއަލް ރޫމެއް ވަނީ ޤާއިމް ކުރައްވާފައެވެ. ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަޖީބު ވިދާޅުވީ ކިޔަވައިދޭ ސްކޫލެއްނަމަ އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ކްރިއޭޓިވިޓީ ނެރެދޭން ޖެހޭކަމަށް އެސްކޫލުން ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވަނީ އެކަމަށް ފޯކަސް ކުރައްވައިގެން ކަމަށެވެ. އެހެން ހެދުމުން ކުދިން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުވެ، އެކުދިންގެ ހުނަރުތައްވެސް ފެނިގެންދާކަމަށް އަޖީބު ވިދާޅުވިއެވެ. މީގެ އިތުރަށް ޢުމްރާނީ ވަޞީލަތްތަކާއި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތައް އެ ސްކޫލުން ގެންދަނީ ކުރައްވަމުންނެވެ. މި ހުރިހާ ކަމެއްގެ އިތުރަށް ޕީއެސްއެމް ނިއުސް ޓީމަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ ސްކޫލުގެ ސްޓާފް ރޫމެވެ.

ޖުމްލަ 40 ޓީޗަރުން ތިބޭއިރު މިއިން ކޮންމެ ޓީޗަރަކަށް ސްޓާފްރޫމްގައި ވަނީ އެންމެ ޒަމާނީ ފަހުގެ ކޮންޕިޔުޓަރ ސިސްޓަމެއް ބަހައްޓާފައެވެ. މިކަމުންވެސް މި ސްކޫލުގެ ތަފާތުކަން ފާހަގަކޮށްލެވެއެވެ. ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަޖީބު ވިދާޅުވީ އެ ސްކޫލަކީ ތަފާތު ސްކޫލަކަށް ހެއްދެވުމުގެ މަސައްކަތް ކުރެއްވުމުގައި ބެލެނެވެރިންނާއި ޓީޗަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ހަމަ އެހެންމެ އެ ސްކޫލުން ހިންގަވާ އެކި އެކި ޙަރަކާތްތައްވެސް ތަފާތުވެފައި ހިތްގައިމީ އެ ސްކޫލުގެ ދަރިވަރުންގެވެސް ހުނަރުންކަން ޕްރިންސިޕަލް އަޖީބު ފާހަގަކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14838768736789.jpg|ތިނަދޫ ސްކޫލުގައި ސްކައުޓް ހަރަކާތް - ފޮޓޯ: ޓްވިޓަރ

މިގޮތުން އެންމެ ފަހުން އެ ސްކޫލުން ބޭއްވެވި އަދަބީ ހަފްތާ ނިމުމުގެ ރަސްމިއްޔާތާއި ސްކޫލުގެ އަހަރީ ކޮންސެޓް ފާހަގަކުރެއްވިއެވެ. މި ކޮންސެޓުން އެ ސްކޫލަށް ސަތޭކަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށާއި މިއީ އެ ސްކޫލުގެ ތަރައްޤީއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެހީތެރިކަމެއްކަން ޕްރިސިޕަލް ފާހަގަކުރެއްވިއެވެ. އެ ސްކޫލުގެ އަމާޒަކީ ކުރިއަށް އޮތްތާނގައި އެ ސްކޫލުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީވެސް ދިވެހިންނަށް ހެއްދެވުމެވެ.