ކުޅިވަރު

މާޒިޔާވެސް ހުރިހާ ތައްޓަކަށް، ދިޔައީ ބޭނުން ނުވި ކުޅުންތެރިން


އާ ސީޒަނަށް ކުރިމަތިލަނީ ހުރިހށާ ތައްޓެއް ހޯދަން ކަމަށާއި، ކްލަބް ދޫކޮށް ދިޔައީ ކްލަބުން ބޭނުން ނުވި ކުޅުންތެރިންކަމަށް މާޒިޔާއިން ބުނެފިއެވެ. ކްލަބްގެ ހެޑްކޯޗާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ޖެނެރަލް ސެކެޓްރީ އަބުދުލްވައްހާބު ވިދާޅުވީ މާޒިޔާއިން ބޭނުންވި އަދި މާޒިޔާގައި މަޑުކުރަން ބޭނުންވި ކުޅުންތެރިން މާޒިޔާގައި އެތިބީކަމަށެވެ.

ވައްހާބު ވިދާޅުވީ މާޒިޔާ މިިދިޔަ އަހަރަށްވުރެ ބަލި ނުވާނެކަމަށާއި، ޤައުމީ ސްކޮޑްގެ ބާރަވަރަކަށް ކުޅުންތެރިންނާއި، ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު މާޒިޔާ ވަރުގަދަވާނެކަމަށެވެ.

" ވަކި ކުޅުންތެރިއަކު ގޮސްގެން، އަޝްފާޤު ގޮސްގެން މާޒިޔާ ވަކި ބައްޔެއް ނުވާނެ. ވަކި ކުޅުންތެރިއަކު ނެތްތަނެއް ނުދައްކާނެ. ކީޕަރު ނެތްތަނެއްވެސް، މިޑްފީލްޑަރެއް ނެތްތަނެއްވެސް، ފޯވާޑެއް ނެތްތަނެއްވެސް ނުދައްކާނެ " ވައްހާބު ވިދާޅުވިއެވެ.

ވައްހާބު ވިދާޅުވީ މިދިޔަ އަހަރު އެކުޅުންތެރިންނާއެކުވެސް ލިބުނީ ލީގު އެކަނިކަމަށާއި، ދެ މުބާރާތުގެ ފައިނަލަށްވެސް ނުދެވުނުކަމަށެވެ. އަދި އެކަމުގެ ޒިންމާ ކޯޗާއި ސީނިއަރ ކުޅުންތެރިންވެސް ނަގަން ޖެހޭކަމަށް ވައްހާބު ވިދާޅުވިއެވެ.

" ކޯޗާއި، ސީނިއަރ ކުޅުންތެރިންވެސް ޒިންމާ ނަގަންޖެހޭ. ކޯޗު އެވަނީ ޒިންމާ ނަގާ އިސްތިއުފާ ދީފަ. މެނޭޖްމަންޓުން ކަމެއްކޮށް ނުދީގެން ކަމެއް ނުވެއެއް ނޯންނާނެ. " ވައްހާބު ވިދާޅުވިއެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން ޤައުމީ ކެޕްޓަން އަޝްފާޤު ކްލަބަށް ގެންނަން ކުރި އިންވެސްޓްމަންޓަކީވެސް ރަނގަޅު އިންވެސްޓްމަންޓެއްނޫންކަމަށް ވައްހާބު ވަނީ ވިދާޅުވެފައެވެ.

" ތިން ތަށި ނުލިބުނީމަ އެއިންވެސްޓްމަންޓް ކްލަބަށް ރަނގަޅެއްނޫން. އެކަމަކު މިބުނީ ތިން ތަށި ނުލިބުނީ އަޝްފޤާޤުގެ ސަބަބުންނެކޭ ނޫން. އަޝްފާޤްވެސް މަސައްކަތްކުރި. " ވައްހާބު ވިދާޅުވިއެވެ.

މާޒިޔާ ދޫކޮށްދިޔަ މުޙިންމު ކުޅުންތެރިންނަކީ ކީޕަރު އިމްރާނާއި، އަޝްފާޤުގެ އިތުރުން އަހުމަދު ނާޝިދާއި، ފޯވާޑް އަހުމަދު ރަޝީދެވެ.