ވިޔަފާރި

ޓެކްސީކުރުމުގެ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް !


ދިވެހި ސަރުކާރުގެ ގެޒްޓްގައި އާއްމުކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރައްވަން ފަށްޓަވާފައިވާ ޓެކްސީ ޤަވާއިދަށް ބަލާއިރު، ޓެކްސީ ކުރުމުގެ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. 

އަލަށް އަމަލުކުރަން ފެށި ޓެކްސީ ޤަވާއިދުގައި ބުނެފައިވަނީ ޓެކްސީ ސެންޓަރުތަކުން ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ދޭންޖެހޭނޭކަމަށެވެ. މި މާއްދާގެ ށ ގައި ބުނެފައިވާގޮތުން ޒޯން އޭގައި ޓެކްސީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ އުޅަނދަކުން، ޓެކްސީ ސެންޓަރުގެ ބެލުމުގެ ދަށުން ދުވާލަކު މަދުވެގެން 20 ދަތުރުކުރަންޖެހެއެވެ.

އަލަށް އަމަލުކުރަން ފެށި ޓެކްސީ ޤަވާއިދުގައި ވާގޮތުން ޓެކްސީގެ ސިފަތަކާއި ހުންނަންޖެހޭ ވަސީލަތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިހާރު އަމަލުކުރަން ފަށާފައިވާ ޓެކްސީކުރާ އުޅަނދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ ޓެކްސީ ފެއަރ އެނގޭނޭ މީޓަރެއް ދަތުރުކުރާ ފަރާތްތަކަށް ފެންނަގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ހަރުކޮށްފައި ހުންނަންޖެހެއެވެ. އަދި ޓެކްސީ ކުރާ އުޅަނދުގައި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކޮށްފައިވާ ކޭޝްކާޑުން ފައިސާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމްކުރަންޖެހެއެވެ.

ޓެކްސީ ޤަވާއިދަށް ގެނެސްފައިވާ އިތުރު އިސްލާހުތަކަށް ބަލާއިރު، އަލަށް ޓެކްސީކުރާ އުޅަނދަކަށް ލައިސަންސް ދޫކުރުމަށް ކަނޑައެޅި ފީއަކީ ފަންސާސް ހާސް ރުފިޔާއެވެ. ލައިސަންސް އާކުރުމުގެ ފީއަކީ ފަސް ހާސްރުފިޔާއެވެ. މި ޤަވައިދަށް ބަލާއިރު، ޓެކްސީގެ ޚިދުމަތްދިނުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުގެ ވެރިފަރާތް ބަދަލުކުރާނަމަ، އެ އުޅަނދަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވާނެއެވެ. އަދި ޓެކްސީގެ ގޮތުގައި ޙިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދަކުން ޚިދުމަތް ނުދޭތާ މެދުނުކެނޑި ނުވަދިހަ ދުވަސް ވެއްޖެނަމަ އެ އުޅަނދަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވާނެއެވެ.

އަލަށް އަމަލުކުރަން ފަށާފައިވާ ޓެކްސީ ޤަވާއިދުގައި ހުރި އިތުރު ކަންކަމަށް ބަލާއިރު، ޓެކްސީގައި ބަލި މީހުން، ޚާއްސަ އެހީއަށް ބޭނުންވާމީހުން، ކުޑަކުދިން އަދި މާބަނޑު އަންހެނުން ދަތުރުކުރާއިރު، ދިމާވެދާނެ ޟިއްޙީ ހާލަތެއްގެ ސަބަބުން ޓެކްސީ އެތެރެ ހަޑިވާފަދަ ކަމެއް ދިމާވިނަމަވެސް ފަސިންޖަރުން ޒިންމާވާން ނުޖެހޭކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޤަވާއިދަށް ބަލާއިރު، ޓެކްސީގައި މީޓަރު ބެހެއްޓުމާއި، ކޭޝްކާޑުން ފައިސާ ބަލައިގަނެވޭނޭ ނިޒާމެއް ޤާއިމްކުރުންފަދަ ކަންކަން ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އެޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކުރާތާ ސަތޭކަ އަށްޑިހަ ދުވަސް، ނުވަތަ ހަމަސްދުވަސް ފަހުންކަން ފާހަގަކޮށްލެވެއެވެ.