ތަޢުލީމު

"މިއަހަރު 74000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލްތަކުގައި ކިޔަވާނެ"


ތައުލީމީ ދާއިރާއިން ރާއްޖެ އަންނަނީ ދުވަހަކަށްވުރެ ދުވަހެއް، ބޮޑެތި ކާމިޔާބީތައް ހާސިލްކުރަމުންނެވެ. މިސަރަޙައްދުގެ ޤައުމުތަކަށް ބަލާލާއިރު ރާއްޖެ ވަނީ ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިއަހަރުގެ ދިރާސީ އައު އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް ހަހާސް ނުވަސަތޭކަ ޓީޗަރުން މިއަހަރު ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމަތުދެއްވައެވެ.

ނިސްބަތުން ބަލާއިރު މިއީ ކޮންމެ ދިހަ ދަރިވަރަކަށް ޓީޗަރެކެވެ. ރާއްޖޭގައި 212 ސްކޫލެއްގައި މިއަހަރުވެސް ކިޔަވައި ދެއްވާއިރު، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ދަނީ ސްކޫލްތަކުގެ ޖާގަ އިތުރު ކުރެއްވުމާއި، އިތުރު ސްކޫލްތައް ބިނާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ސްކޫލަށް ހާޟިރުވާއިރު، ސްކޫލްތަކަކީ ދަރިވަރުންނަށް ކިޔަވަން އެކަށޭނެ މާހައުލަކަށް ހެއްދެވުމަށްޓަކައި ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ޒީނާތްތެރިކުރުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިމިދިޔަ ދިރާސީ އަހަރުގެ ސްކޫލް ބަންދުވުމާއެކު ފަށްޓަވައި މިހާތަނަށް އެ މަސައްކަތް ނިންމަވާލައްވާފައެވެ.

މާލޭގައި 12 ސްކޫލެއްގައި ކިޔައިދެއްވުމުގެ ކަންތައްތައް ކުރިޔަށްދާއިރު، އަތޮޅުތެރޭގައި 200 ސްކޫލެއްގައި ކިޔަވައިދެއްވުމުގެ ކަންތައްތައް ކުރިޔަށްދާނެއެވެ. މީގެ އިތުރުން އާބާދީ މަދު ސްކޫލްތަކަށް އަމާޒުކުރައްވައިގެން މިއަހަރުގެ ތެރޭގައި 17 ރަށެއްގައި މަލްޓިގްރޭޑް އުސޫލުން ކިޔަވައިދެއްވަން ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިފެށޭ ދިރާސީ އައު އަހަރު ސްކޫލްތަކުގައި ކިޔަވައިދެއްވާ ގޮތަށް ބަލާއިރު، ކީ ސްޓޭޖުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް 158 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ. އަދި ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 31 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ. ގްރެޑް 8 އިން 12 އަށް 35 ސްކޫލެއްގައި ކިޔަވައިދެއްވާއިރު، މަތީ ސަނަވީގައި ހިމެނޭ ގްރޭޑް 11 އާއި 12 ކިޔަވައި ދެއްވާނީ އެންމެ 2 ސްކޫލަކުންނެވެ. މީގެ އިތުރުން ކީސްޓޭޖުން ފެށިގެން ގްރޭޑް 6 އާ ހަމައަށް 6 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ.

ދިރާސީ އައު އަހަރު ފެށޭއިރު ރާއްޖެއިން މިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެ ހުރިހާ ޤައުމަކުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ފަށާތަޢުލީމު ފެށުމުގެ ކުރިން 1 އަހަރުގެ ޕްރީސްކޫލް ތަޢުލީމް ތުއްތުކުދިނަށް ހިލޭ ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިލްކުރައްވާފައެވެ. ސަރުކާރުން ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދެއްވުމަށް ނިންމުމާއެކު، ރާއްޖެއިން މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، 2 އަހަރުގެ ޕްރީސްކޫލްގެ ފުރުޞަތު ތުއްތުކުދިންނަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށްވެފައެވެ.

ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭ ދޭ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ވަނީ ހަމަޖައްސަވާދެއްވާފައެވެ.

މިއާއެކު 2017 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން ސަރުކާރު ސްކޫލްތަކާއި ކަނޑައެޅޭ ވަކި ސްކޫލްތަކެއްގައި ހިލޭ ޕްރީ ސްކޫލް ތަޢުލީމު ދެއްވަމުން ގެންދަވާނެއެވެ. ޕްރީ ސްކޫލް ތައުލީމު އެންމެ ފުރަތަމަ ސަރުކާރުން ދެއްވަން ފަށްޓަވާފައިވަނީ މިދިޔަ އަހަރު ރާއްޖޭގެ ސިޓީތައް ފިޔަވައި ހުރިހާ ރަށަކަށެވެ. އަދި މިއަހަރުގެ ދިރާސީ އަހަރާއެކު ސިޓީތަކުގެ ސަރުކާރު ސްކޫލްތަކުގައި ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދެއްވުމުގެ މަސައްކަތް ވެސް ފައްޓަވާނެއެވެ.

ދިރާސީ އައު އަހަރު ސްކޫލް ހުޅުވޭއިރު، ސްކޫލްތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން މިހާރު ވަނީ ހަމަކުރައްވާފައެވެ. މީގެ ކުރިން ސްކޫލްތައް ހުޅުވޭއިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓީޗަރުން ހަމަނުވުމުގެ މައްސަލައެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯއްދެވުމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި މަސައްކަތް ފަށްޓަވައި، ޓީޗަރުން ވަނީ ހަމަކުރައްވާފައެވެ. މިއީ އެހެން އަހަރުތަކާ ޚިލާފަށް، ހާސިލްކުރެއްވި ވަރަށްބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސިފަކުރައްވައެވެ.