ކުޅިވަރު

ދަގަނޑޭ ނިއުއަށް ސޮއިކުރާކަމުގެ އިޝާރާތެއް


ޤައުމީ ކެޕްޓަން އަލީ އަޝްފާޤު ( ދަގަނޑޭ ) ނިއުރޭޑިއަންޓަށް ސޮއިކުރާކަމުގެ އިޝާރާތެއް އެކުލަބުން ދީފިއެވެ. ކްލަބްގެ އައު އެކްސްކޯ ކްލަބާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ކްލަބްގެ އާ ޗެއަރމަން މުޙައްމަދު ޒިޔާދު ވިދާޅުވީ ވަރަށް މޮޅު ކުޅުންތެރިއެއް މިމަހު ނިއުއަށް ސޮއިކުރާނެކަމަށެވެ.

ކާރނަލް ރިޓަޔާޑް މުޙައްމަދު ޒިޔާދު ވިދާޅުވީ އެކުޅުންތެރިއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށާއި، މިމަހުގެ 15 ނުވަތަ ސޯޅަ ވަނަ ދުވަހު އެކަން ނިމޭނެކަމަށެވެ.

" ވަރަށް ޚާއްޞަ ކުޅުންތެރިއެއް މިމަހުގެ 16 ނުވަތަ 15 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ސޮއިކުރާނެ. ވަރަށް ފުރިހަމަ ރަސްމިއްޔާތެއްގައި އެކަން އޮންނާނީ. ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެއީ. ސަޕޯޓަރުންނަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނީ. އަދި ކްލަބަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއް " ކްލަބްގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދެމުން ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު އެއިޝާރާތްކުރައްވާ ވަރުގެ ދެވަނަ ކުޅުންތެރިއަކު މިވަގުތު ކްލަބަކަށް ސޮއިނުކޮށް ނެތެވެ. އަދި މީގެކުރިންވެސް ވަނީ ފަނަރަ ނުވަތަ ސޯޅައިގައި އަޝްފާޤު ނިއުއަށް ސޮއިކުރާނެކަމުގެ އަޑުތައް އަރާފައެވެ. އަޝްފާޤު އޭރު ބުނެފައިވަނީ ވަކި ކްލަބަކަށް ކުޅެން ނުނިންމާ ކަމަށާއި، ދެތިން ކްލަބަކާ މަޝްވަރާ ކުރާކަމަށެވެ.