ކުޅިވަރު

ނިއުއިން އިނގިރޭސި ވަރުގަދަ ކްލަބެއް ރާއްޖެ ގެންނަނީ


މިއަހަރުގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު ނުވަތަ ޗެމްޕިއަންޝިޕްގެ ކްލަބެއް ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރަމުންދާކަން ނިއުރޭޑިއަންޓްގެ އާ އެކްސްކޯއިން ހާމަކޮށްފިއެވެ. ކްލަބްގެ ޗެއަރމަންކަމާ ހަވާލުވެވަޑައިގެންނެވި ރިޓަޔަޑް ކާނަލް މުޙައްމަދު ޒިޔާދު ވިދާޅުވީ އެމަޝްވަރާތައް ކުރަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ ޕްރިމިއަރ ލީގު ޓީމެއްގެ އޯނަރަކާއި، އިނގިރޭސި ދެވަނަ ފަންތީގެ މުބާރާތް ޗެމްޕިއަންޝިޕްގެ އެންމެ މަތީގައި އޮތް ޓީމްތަކުގެ ތެރެއިން ޓީމަކާ ވާހަކަދައްކަމުންދާކަމަށެވެ. އަދި އުއްމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

" އޮފް ސީޒަންގައި މިއަހަރު އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިއިން ކޮންމެވެސް އެއް ޓީމެއް ރާއްޖެ ގެނެވޭތޯ. ނަންތައް ކޮންފަރމް ވީމާ އަޅުގަނޑުމެން ދަންނަވާލާނަން. ވަރަށް ބޮޑަށް ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ މިއިން ކޮންމެވެސް އެއް ޓީމެއް ރާއްޖެ ގެނައުމުގެ ފުރުޞަތު ވަރަށްބޮޑު " ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެއް ޓީމްގެ މެނޭޖަރާ ބައްދަލުކުރަންވެސް ހަމަޖެހިފައިވާކަމަށެވެ. މިކަމުގެ ތަފްޞީލްތައް މިމަހުގެ 15 ނުވަތަ 16 ވަނަ ދުވަހު ބާއްވާ ކްލަބްގެ ރަސްމިއްޔާތެއްގައި ހާމަކުރައްވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. މިއީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ފޯރިއާއި، ދިވެހި ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް ކުރާ މަސައްކަތެއްކަށްވެސް ޒިޔާދު ވިދާޅުވިއެވެ.