ތަޢުލީމު

ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމިއްޖެ


މި ފެށޭ ދިރާސީ އައު އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުއްވުމުގެ މަސައްކަތް އެޑިއުކޭޝަން ކުރިޔަށްގެންދެވީ ދެ ބުރަކަށް ބައްސަވާލައްވައިގެންނެވެ.

އެގޮތުން ކީ ސްޓޭޖް އެކެއް އަދި ދޭއްގައި ހިމެނޭ ގްރޭޑް 1، 2، 3، 4، 5 އަދި 6ގެ ފޮތްތަކުގެ ތެރެއިން ރާއްޖޭގައި ޗާޕްކުރައްވާ ފޮތްތައް ފިޔަވައި އެހެން ފޮތްތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ބަންދުވުމާއެކު ސްކޫލްތަކަށް ފޮނުއްވާފައެވެ. އަދި ކީ ސްޓޭގް ތިނެއްގެ ފޮތްތައް މިހާރު ސްކޫލްތަކަށް ފޮނުވާލާފައިވާއިރު، ކީ ސްޓޭޖް އެކެއް އަދި ދޭއްގައި ހިމެނޭ އިސްލާމް އަދި ދިވެހި ފޮތްތައްވެސް ސްކޫލްތަކަށް ފޮނުވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވެން ފެށޭއިރު، ދަރިވަރުންނަށް ހުރިހާ ފޮތްތަކެއް ލިބިފައި ހުންނާނެކަމަށެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، ސްކޫލް ދަރިވަރުންގެ ފޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމިފައިވާކަމަށާއި، ދަރިވަރުންނަށް ފޮތްތައް ހަވާލުކުރެއްވުމުގެ މަސައްކަތް ސްކޫލްތަކުން މިއަދުން ފަށައިގެން ކުރައްވަމުން ގެންދަވާނެކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ހުރިހާ ސްކޫލްތަކަށް ފޮތްތައް އަޅުގަނޑުމެން މިވަނީ ޑިސްޕެޗް ކޮށްފައި. ގިނަ ސްކޫލްތަކަށް މިހާރު ފޮތްތައްވާނީ ލިބިފައި. އަދި ގިނަ ސްކޫލްތަކުން ދަރިވަރުންނައް ފޮތްތައް ބެހުމުގެ ޕުރޮސެސް ކުރިޔައް އެބަގެންދޭ. ދެން އަޅުގަނޑު މިދެންނެވިހެން ކައިރި އަތޮޅުތަކުގެ ފޮތްތައް މި ދެދުވަހުގެ ތެރޭގައި، މިއަދު އއ އަދި އދ އތޮޅަށް ފޮތްތައް ދާނެ، މި ދެދުވަހުގެ ތެރޭގައި ސްކޫލްތަކަށް ހުރިހާ ފޮތްތައް ރައްދުވާނެ. އެހެންވީމަ އަޅުގަނޑުމެން ސްކޫލުގެ އެއްވެސް ދަރިވަރަކު އުޅެގެން ނުވާނެ ފޮތެއް ނުލިބޭ ސްޓޭޝަނަރީ ވައުޗަރު ނުލިބޭ އަދި ޓެކްސްޓް ފޮތްތައް ނުލިބޭ ދަރިވަރަކު" އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭއިރު ސްކޫލްތަކަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައި ހުންނާނެކަމަށެވެ. އަދި ސްކޫލް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ޤާއިމްކުރެވި ސްކޫލްތައް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.