ކުޅިވަރު

ފުރަތަމަ ދެ އަހަރު ޓީސީ ނިންމާލީ ޕްރޮފިޓްގަ


ފުރަތަމަ ޑިވިޝަންގައި ހޭދަކުރި ފުރަތަމަ ދެ އަހަރުވެސް ސީޒަން ނިންމާލީ ފައިދާއާއެކުކަމަށް ޓީސީ ސްޕޯރޓްސް ކްލަބުން ބުނެފިއެވެ. ކްލަބްގެ މެނޭޖަރ އީސަ ބުނީ ފައިދާޔާއެކު ދެ ސީޒަން ނިންމާލުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށާއި، އެގޮތުގައި ކުރިއަށްދާން ބޭނުންވާކަމަށެވެ. 

" ފުރަތަމަ އަހަރުވެސް އަޅުގަނޑުމެން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި، އެހެން ތަންތަނަށް ދައްކަން އޮތް ފައިސާއެއްވެއްޖިއްޔާވެސް ދައްކާ ސީޒަން ނިންމާލީ ރަނގަޅު ޕްރޮފިޓެއްގައި. ދެވަނަ އަހަރާއި ކުރިމަތިލީ ފުރަތަމަ އަހަރަށްވުރެ ބޮޑު ބަޖެޓެއްގައި. އެއަހަރުވެސް އެފްއޭއެމާއި، ސަރުކާރާއި، ސްޕޮންސަރުންނާއި އެހީވެދޭ ފަރާތްތަކުގެ އެހީއާއެކު ސީޒަން ނިންމާލީ ޕްރޮފިޓްގައި. ކުރިއަށް އޮތް ސީޒަނަށް އަޅުގަނޑުމެން ކަނޑައެޅީ ދެވަނަ އަހަރަށްވުރެ ބޮޑު ބަޖެޓެއް. އިރާދަކުރެއްވިއްޔާ އުއްމީދަކީ ޕްރޮފިޓްގައި ކުރިއަށްދިއުން. " އީސަ ބުންޏެވެ.

ޓީސީ ފުރަތަމަ ޑިވިޝަންގައި ހޭދަކުރި ފުރަތަމަ ދެ އަހަރުވެސް އެވްރެޖް ސްކޮޑެއް އޮތެވެ. މިދިޔަ ސީޒަންގައި ރަނގަޅު ޓްރާންސްފަރތަކެއްވެސް ހެދިއެވެ. ކުރިއަށް އޮތް ސީޒަނަށްވެސް ޓީމަށް ދަނީ އާ ކުޅުންތެރިން ގެންނަމުންނެވެ. އޭގެ ތެރޭގައި މުޅިން އަލަށް ގެންނަ ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެއެވެ. ޓީސީން ބުނީ ޓީމް ހިންގާ ފަރާތްތައް ދަރަނިވެރިވެގެން މިކަން ކުރަން ބޭނުން ނުވާކަމަށެވެ.

" މިއީ އަޅުގަނޑުމެން އުފަލަކަށް ކުރާކަމެއް. އަޅުގަނޑުމެން ބޭނުމެއްނޫން އަޅުގަނޑުމެންނަށް ގޭ ކުއްޔާއި ބިލްތައް ނުދެއްކި ދަރަނިވެރިވެ، ކުޅުންތެރިންގެ މުސާރަ ނުދެވި މިކަން ކުރާކަށް. އަޅުގަނޑުމެން ކުޅުންތެރިންނަށް ދެނީ އަޅާލުން. ކްލަބް ލޯބި ކުޅުންތެރިންނަށް ވިސްނައިދެނީ. މޮޅޫގެ މުޙީންމުކަން ބުނެދެނީ. " ކާމިޔާބު ދެ ސީޒަން ފުރަތަމަ ޑިވިޝަންގައި ނިންމާލި ޓީމް ކުރިއަށްގެންދާ ގޮތް ހިއްޞާކުރަމުން މެނޭޖަރ ބުންޏެވެ.

ފާއިތުވި ސީޒަން ނިމުނުއިރުވެސް ބައެއް ކްލަބްތަކުގައި މުސާރަ ނުދޭ ކުޅުންތެރިން އެބަތިއްބެވެ. މުސާރައިގެ ޝަކުވާއަކީ އަބަދުވެސް ބައެއް ކްލަބްތަކުގެ ކުޅުންތެރިންގެ ފަރާތުން އިވޭ ޝަކުވާއެކެވެ.