ޚަބަރު

"ތަރައްޤީގެ މަސައްކަތަށް ކައުންސިލުތަކުގެ އެއްބާރުލުން ލިބޭ"


މާލެއާއި ރާއްޖޭގެ އެކިއެކި ރަށްރަށުގައިވެސް އެއްވެސް ތަފާތުކުރުމެއް ނެތި އެ ރަށަކަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ސަރުކާރުން ހަލުއިކަމާއެކު ކުރިއަށް ގެންދަވައެވެ. އުމްރާނީ، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައްވެސް މީގެތެރޭގައި ހިމެނެއެވެ. 

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން މިވީ ތިންއަހަރުގެ މުއްދަތުގެ ތެރޭގައި އެފަދަ އެތައް މަޝްރޫޢެއް ފަށްޓަވައިގެން ކުރިއަށް ގެންދަވާފައިވާއިރު، ނިމިފައިވާ މަޝްރޫޢުތައްވެސް މަދެއް ނޫނެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކަނިވެސް ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ ފައްސަތޭކައަށްވުރެ ގިނަ މަޝްރޫޢު ކުރިއަށް އެބަގެންދަވައެވެ.

ރަށްރަށުގެ ޢުމްރާނީ ތަރްއްޤީއަށްޓަކައި، ބަނދަރު ހެއްދެވުމާއި، ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރެއްވުމާއި، މަގުހެދުން ފަދަ ބިޔަ މަޝްރޫޢުތަކަކީ، އެރަށެއްގެ ތަރައްޤީއާއި، ރައްޔިތުންގެ ކުރިއެރުމާ ގުޅިފައިވާ މުހިއްމު ކަންކަމެވެ. މިކަންކަމަށް ރަށްރަށުގެ ރައްޔިތުންނާއި، ރަށްޔިތުން އެރަށެއްގެ ކައުންސިލަކަށް ހޮވާފައި ތިއްބަވާ ރައްޔިތުންގެ މަންދޫބުންގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުން ލިބިގެންދިއުމަކީ، މަޝްރޫޢުތައް އަވަސް ސްޕީޑެއްގައި ނިންމަވާލެއްވުމަށް މަގުފަހިވެގެންދާ ވަރަށް މުހިއްމު އެއް ސަބަބެބެވެ.

އެހެންކަމުން މިފަދަ މަޝްރޫޢުތައް ރަށެއްގައި ކުރިއަށް ގެންދަވާނެ ބިން ހަމަޖެއްސެވުމާއި، ރަށްޔިތުންގެ ބައިވެރިވުމާއެކު، މަސައްކަތް ކުރިއަށް ގެންދާ ކޮންޓެކްޓަރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަކީ، ރަށު ކައުންސިލުގެ މަޤްޞަދަށް ވާންޖެހެއެވެ. ޕީ.އެސް.އެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަވައި، އެފަދަ ކަންކަން ކުރުމަށް ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރައްވާނީ ކައުންސިލަރުންކަމަށާއި، އެއީ ވަރަށް މުހިއްމު މަންދޫބުންތަކެއް ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަކީ ސަރުކާރާ އެކީގައި މަސައްކަތްކުރައްވަން ތިއްބެވި މަންދޫބުންނަށް ވެވަޑައިނުގަންނަވާނަމަ އޭގެ ދަތިކަމާއި، ނިކަމެތިކަން ރައްޔިތުންނަށް ފޯރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/7524.jpg|މިނިސްޓަރ މުއިއްޒު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ / ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓްރީން ރަށެއްގައި ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވި ބިޔަ މަޝްރޫޢެއްގައި ކައުންސިލްގެ އެއްބާރުލުން ނުދެއްވިކަން ބަޔާންކުރައްވައި އެ މަޝްރޫޢުގެ ވާހަކަ މިނިސްޓަރ ޙިއްޞާކުރެއްވިއެވެ.

"އަޅުގަނޑުމެން އެއް ރަށެއްގައި 200 ހައުސިންގ ޔުނިޓް އަޅަން މަސައްކަތް ފެށީ. އެހެން ނަމަވެސް ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު އެމަސައްކަތް ނުފެށި ލަސްވެގެންދިޔައީ. އެރަށު ކައުންސިލުން އެއްބާރުލުން ނުދީ، އެކި އެކި ގޮތްގޮތުން އެއަށް ހުރަސް އެޅީ. އެންމެ ފަހުން މަޝްރޫޢުވެސް މިހާރު ހުއްޓިފައި އެއޮތީ. އެހެންވީމަ އެކަހަލަ ކަންކަން ބައެއް ރަށްރަށުގައި އެބަހިނގާ ހިންގީމަ ރައްޔިތުންނަށް ގެއްލުންވަނީ." މިނިސްޓަރ ވިދާޅުވިއެވެ. 

ބައެއް ކައުންސިލްތަކުން ސިޔާސީ ގޮތުން ސަރުކާރާ ޚިޔާލު ތަފާތުވެވަޑައިގެން އެއްގޮތަކަށްވެސް އެއްބާރުލުން ނުދެއްވާ ކަމަށާއި، އެއީ ރައްޔިތުންނާމެދު ކުރެއްވޭ ވަރަށް ބޮޑު ބޭއިންސާފެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ މުޢިޒް ވިދާޅުވީ، މަދު ރަށެއްގައި އެފަދަ ގޮތަކަށް ދިމާވިނަމަވެސް މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ދެއްވާކަމަށެވެ.

" އެބަހުރި ބައެއް ކައުންސިލްތަކުން ވަރަށް ކުޑަކޮށް އެއްބާރުލުން ލިބެނީ، އަދި ބައެއް ކައުންސިލްތަކުން އެއްގޮތަކަށްވެސް އެއްބާރުލުން ނުލިބޭ. އެހެންވީމަ މަދު ކައުންސިލްތަކެއް އެބަހުރި މިހާރުވެސް އަޅުގަނޑުމެންގެ މަސައްކަތްތަކަށް އެއްބާރުލުން ނުދީ އަދި ހުރަސްއަޅާ. އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ރަނގަޅު، ކުރިއާ އަޅާބަލާއިރު. އަދިވެސް އިތުރަށް ރަނގަޅުކުރެވޭނެކަމަށް މި ބަލަނީ." މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން އެ މީހުންގެ މަންދޫބުން އިޚްތިޔާރުކުރުމުގައި އެ މަންދޫބުންގެ ސިޔާސީ ފިކުރު ހުންނަ ގޮތަށްވުރެ، އަދި ޢާއިލީ ގާތްކަމަށްވުރެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން މަސައްކަތްކުރައްވާ ބޭފުޅުން އިޚްތިޔާރުކުރުމަށް ބަލަންވާނެކަމަށް ރާއްޖޭގެ ރަށްރަށުގައި އެންމެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ ވުޒާރާ ބަލަހައްޓަވާ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.