ޚަބަރު

ފުރަތަމަ މެކޭނިކަލް ޕާކިންގ ސިސްޓަމް ޓެސްޓްކުރައްވައިފި


މާލެއަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްގެ 20 ސިސްޓަމް ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މާލެއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން މިހާރު މިވަނީ ފުރަތަމަ ޕާކިންގ ސިސްޓަމް ބަހައްޓަވައި ނިންމަވާފައެވެ. އަދި މި ޕާކިންގ ސިސްޓަމް އިންސްޓޯލްކުރައްވައި ޓެސްޓްކުރެއްވުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރައްވާފައެވެ. 

މި ސިސްޓަމް ޓެސްޓް ކުރައްވާފައިވަނީ 10 ކާރާއެކުއެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަ ކުރައްވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ހައުސިން މިނިސްޓްރީން އެސް.ޓި.އޯއާ ޙަވާލުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން މާލެގައި ޕާރކިންގ ސިސްޓަމްގެ 20 ސިސްޓަމް ޤާއިމުކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މި 20 ސިސްޓަމްގެ ތެރޭގައި ކާރު ޕާކް ކުރުމަށް ޚާއްޞަ 10 ސިސްޓަމާއި، ސައިކަލް ޕާކްކުރުމަށް ޚާއްޞަ 10 ސިސްޓަމެއް ހިމެނެއެވެ. މާލޭގައި ބަހައްޓަވާ ކާރު ސިސްޓަމްގެ ތެރެއިން ބައެއް ކާރު ސިސްޓަމްތައް މިހާރު މާލެ ގެނެވިފައިވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ޕާކިންގ ސިސްޓަމްތައް މާލެ ގެންނަވައި، ޕާރކް ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ ސަރަޙައްދުތައް ބައްލަވައި އެފަދަ ސަރަޙައްދުތަކުގައި މި ސިސްޓަމްތައް ބެހެއްޓެވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގައި ހުންނަ ވެލާނާގެ ކައިރީ ޤާއިމުކުރެއްވި ފުރަތަމަ މެކޭނިކަލް ޕާރކިން ސިސްޓަމް މިހާރު ޓެސްޓްކުރެއްވިނަމަވެސް، މި ސިސްޓަމް ބޭނުންކުރުމަށް ޢާއްމުންނަށް ހުޅުވާލައްވާނެ ތާރީޚެއް މިނިސްޓްރީން އަދި ހާމަކުރައްވާފައެއް ނުވެއެވެ. މި ސިސްޓަމްތައް ވިހާވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެފަދަ އިންތިޒާމެއް ހަމަޖެއްސެވުމުގެ މަސައްކަތް، ކަމާގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއެކު ކުރައްވަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިންގގެ 20 ސިސްޓަމް ޤާއިމުކުރެއްވުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.