ސިއްހަތު

އަންނަ މަހު ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށަނީ


ކުރިޔަށްއޮތް މަސްދުވަހުގެ ތެރޭ ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދެއްވަން ފެއްޓެވޭނެކަމަށް އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަން މީޑިއާ އަޙްމަދު މަޢުސޫމް ވިދާޅުވީ ޑައިލިސިސް ހެދުމަށް ބޭނުންވާ މެޝިން ވިލިމާލޭ ހޮސްޕިޓަލްގައި މިހާރު ބަހައްޓަވާފައިވާކަމަށާއި، މި ކަމަށް ބޭނުން އާރު.އޯ ޕްލާންޓް ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ.

ޑައިލިސިސްގެ ޚިދުމަތް ދިނުމަށްޓަކައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރެއްވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މައުޞޫމް ވިދާޅުވިއެވެ.

"ވިލިމާލޭގެ އާބާދީގައި ވެސް ޑައިލިސިސް ހަދާ  ގިނަ ބަލިމީހުން އުޅޭ. ވިލިމާލޭގައި ޑައިލިސިސް ސެންޓަރއެއް ޤާއިމް ކުރެވުނީމަ އެފަރާތްތަކަށް ބޮޑު ލުފަސޭހައެއް ލިބިގެންދާނެ. އެއާއެކު  އައިޖީއެމްއެޗްގެ ޑައިލިސިސްސެންތަރަށް ބާރުކުޑަވެގެންދާނެ. ކުޑަވެގެންދިއީމަ ހިދުމަތް އިތުރަށް ފުޅާ ކުރެވޭނެކެމަށ ޤަބޫލް ކުރެވެނީ." މަޢުސޫމް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސް ހެދުމަށް ބޭނުންވާ ދެ މެޝިން ވަނީ ބަހައްޓަވާފައެވެ. އެ ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ދެއްވަން ފެއްޓެވުމުން ދުވާލެއްގެ މައްޗަށް 6 މީހުންނަށް ޑައިލިސިސް ހެދޭނެއެވެ. އަދި އެ ހޮސްޕިޓަލުން މި ޚިދުމަތް ހޯދާ ފާރާތްތަކުގެ ޑިމާންޑަށާއި، އާބާދީއަށް ބައްލަވައި ޚިދުމަތް އިތުރަށް ފުޅާ ކުރައްވާނެކަމަށް އައި.ޖީ،އެމް.އެޗުން ވިދާޅުވެއެވެ. އައި.ޖީ.އެމް.އެޗުގައި ހުންނަ ޑައިލސިސް ސެންޓަރުގައި ވިލިމާލޭގައި ދިރއުޅޭ 16 މީހަކު ޑައިލިސިސް ހެދުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.

ވިލިމާލޭ ހޮސްޕިޓަލުން ދެއްވަމުންގެންދަވާ ޚިދުމަތްތައް ފުޅާކުރައްވައި، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހައަށްޓަކައި މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އައި.ޖީ.އެމް.އެޗްގައި މަސައްކަތް ކުރައްވާ ޚާއްސަ ޑޮކްޓަރުން، ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ގެންދަވަނީ ވިލިމާލޭ ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވަމުންނެވެ. އަދި ރޫޓިންކޮށް ހަދާ ލޭގެ ޓެސްޓްތައްވެސް ވިލިމާލޭ ހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މަޢުސޫމް ވިދާޅުވިއެވެ.

"ވިލިމާލޭ ހޮސްޕިޓަލުން ރޫޓިންކޮށް ހަދަންޖެހޭ ބްލަޑް ޓެސްޓްތައް ހެދޭނެ... ރޫޓިންކޮށް ހަދަންޖެހޭ ޓެސްޓްތައް ހެދުމުން ބަލިމީހުން އައި.ޖީ.އެމްޗަށް ނައިސް ހިދުމަތް ލިބިގެންދާނެ...ވިލިމާލޭ ހޮސްޕިޓަލުން ނެހެދޭ ޓެސްޓްތައް ވެސް ބަލިމީހާ އައި.ޖީއެމް.އެޗަށް ނުގެނެސް ވިލިމާލޭ ހޮސްޕިޓަލުން ލޭގެ ސާމްޕަލް ނަގައިގެން އެކަމު އެނަތީޖާ ވިލިމާލޭ ހޮސްޕިޓަލުން ލިބޭނެގޮތް ވަނީ ހަމަޖެހިފައި" މަޢުސޫމް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ޕްލޭންތައް އެކުލަވާލައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.