ކުޅިވަރު

އެފްއޭއެމަށް ރާއްޖޭއިން ބޭރުގެ ފަންނީ ބޭފުޅުން ހޯދަނީ


ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރަކާއި ރެފްރީޒް ޑައިރެކްޓަރެއް ހޯދުމަަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފީފާ އަދި އޭއެފްސީއާއި ގުޅިގެން ރާއްޖެއިން ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރއެއް ހޯދުމަށް މިހާރު މަޝްވަރާތަށް ކުރެވެމުންދާކަމަށެވެ. ޓެކްނިކަލް ޑައިރެކްޓަރެއްގެ އިތުރުން ބޭރުގެ ރެފްރީޒް ޑައިރެކްޓަރެއްވެސް ހޯދުމަށް އޭއެފްސީއާއެކު މަޝްވަރާތަށް ކުރިއަށްދާކަމަށް ބައްސާމް ވިދާޅުވިއެވެ. 

ބައްސާމް ވިދާޅުވީ މިއަންނަ މަހުގެ ތެރޭގައި އެފްއޭއެމްގެ ރެފްރީޒް ޑިޕާޓަމަންޓް އެސެސް ކުރުމަށްޓަކައި އޭއެފްސީގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށާއ،ި ރެފްރީޒް ޑިޕާޓްމަންޓް އެސެސް ކުރުމުން ރާއްޖެއަށް އެންމެ ބޭނުންވާ ރެފްރީޒް ޑައިރެކްޓަރެއް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި ދިމާވެފައިވާ ރެފްރީންގެ މައްސަލަތަށް ހައްލުކުރުމަށް މިއީ ކުރިއަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންނަށްވެސް އެގިވަޑައިގަންނަވާނެ ފަދައިން ރެފްރީޒްގެ އިޝޫއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން ރެފްރީޒްގެ އިޝޫސްތަކަށް ހައްލު ހޯދަން. ރާއްޖޭގެ ފުޓްބޯލަ ކުރިއަރާކަމަށް ވަންޏާމުން އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ހުރިހާ އެންމެން އެއްކޮށް ކުރިއަރައިގެން މިކަންވާނީ، ރެފްރީންނަށްވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، ރެފްރީންގެ ކަންތަށްވެސް ހައްލު ކުރެވިގެން އަދި ފެންވަރު ރަނގަޅު ރެފްރީން އުފައްދާ، މިހާރު ތިބި ރެފްރީން އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރެވިގެންދާނެ." ބައްސާމް ވިދާޅުވިއެވެ.

އެންމެ ފަހުން އެފްއޭއެފްގެ ޓެކްރިކަލް ޑައިރެންޓަރއެއްގެ މަގާމް އަދާކޮށްފައިވަނީ ނިއުރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗް މުހައްމަދު ޝިޔާޒެވެ.