ކުޅިވަރު

ޞަބާގެ ޗެލެންޖަށް ގްރީން ސްޓްރީޓް ތައްޔާރު


އަންނަ މަހު މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަނީ ބޮޑަތި ބަދަލުތަކަކާއެކުގައެވެ. އެންމެ ބޮޑު އެއް ބަދަލަކީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ގްރީން ސްޓްރީން ވާދަކުރުމުވެ. ގްރީން ސްޓްރީޓާއެކު ފުރަތަމަ ޑިވިޝަންގައި އަދި ތިން އަހަރު ނުވާ ތިން ކްލަބް އެބައޮތެވެ. ޓީސީއާއި، ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް އަރާ، އެހެން ޓީމްތަކަށް ޗެލެންޖްކޮށް، އެގޮތުގައި ދެމިއެބައޮތެވެ. ދެން އޮތީ ގްރީން ސްޓްރީޓްގެ ޗެލެންޖެވެ. ގްރީން ސްޓްރީޓާއެކު ޞަބާހު މުޙައްމަދުގ ޗެލެންޖެވެ.

ޞަބާގެ ޗެލެންޖަށް ގްރީން ސްޓްރީޓް ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯއެވެ؟ އެމީހުންގެ އަމާޒަކީ ކޮބައިތޯއެވެ؟ އަމާޒަށް ވާޞިލްވެވޭވަރުގެ ސްކޮޑެއް ހޯދިއްޖެތޯއެވެ؟ އެވަރުގެ ބަޖެޓެއް އެޓީމްގައި އެބައޮތް ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލެވެ.

" ގްރީން ސްޓްރީޓްގެ އަމާެއް ނޫން އަރާ ބޮންތީގައި ހިފަން އުޅުމަކީ. ފުރަތަމަ އަމާޒަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިފެހެއްޓޭތޯ ބެލުން. މަޑުމަޑުން މަޑުން ކުރިއަށްދެވޭތޯ ބެލުން. އެގޮތަށް ބަލައިގެން ސްކޮޑް ފައިނަލްކުރީ. " ކްލަބްގެ ވިސްނުން ޙިއްޞާކުރީ ކްލަބްގެ ރައީސް ޝަޒީންއެވެ.

ގްރީން ސްޓްރީޓްގެ ސްކޮޑް އެކުލަވާލުމުގައި އެންމެ މުޙިންމު ދައުރެއް އަދާކުރީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔބު އެއް ޑިފެންޑަރ ޞަބާހު މުޙައްމަދެވެ. ޚާއްޞަކޮށް ދިވެހި ކުޅުންތެރިން ފައިނަލްކުރުމުގެ ޒިންމާ ނެގީ އެޓީމް ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ކޯޗު ޞަބާއެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާުރި އަށެއްކަ ކުޅުންތެރިއަކު މިހާތަނަށް ވަނީ އެކްލަބަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ފަރުހާދު އިސްމާއީލް، ނިއުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި އެޓީމްގެ ކުރީގެ ކެޕްޓަން އަހުމަދު މުޙައްމަދު، ވިކްޓްރީއާއި ވެލެންސިޔާއިން ބޮޑަށް ފާހަގަކުރެވުނު އަދި ނިމިގެން ދިޔަ ސީޒަންގައި ޓީސީން ފެނުނު މުޙައްމަދު ޝައްފާޒު، މާޒިޔާގެ ފޯވާޑް އަހުމަދު ރަޝީދު، ޓީސީގެ ނިޒާމް އަދި ވިކްޓްރީގެ ޑިފެންޑަރ ސައިފް ހިމެނެއެވެ. 

" ފަހަރެއްގައިވެސް އަޅުގަނޑު ބޭނުން ނުވަނީއެއްނޫން އަޝްފާޤާއި، އިމްރާން ފަދަ ކުޅުންތެރިން. އަޅުގަނޑުމެން ސްކޮޑް އެކުލަވާލުމުގައި ބެލީ ޓީމްގައި އޮތް ބަޖެޓުން އެވްރެޖް ކުޅުންތެރިންތަކެއް ހޯދޭތޯ. މަސައްކަތު ރޭޓް ރަނގަޅު ގެންގުޅެން ފަސޭހަ ކުޅުންތެރިންތަކަކަށް ބެލިން. އަޅުގަނޑަށް ހީވަނީ ހަމަ ރަނގަޅު ކުޅުންތެރިންތަކެއްހެން މިއީ. " ނިއުރޭޑިއަންޓްގެ ހެޑްކޯޗުގެ ޒިންމާ 2015 ވަނަ އަހަރުގެ ސީޒަންގެ ބައެއްގައި ނަގައި ރަނގަޅު ނަތީޖާތަކެއް ހޯދި ކޯޗު ޞަބާ ބުންޏެވެ.

ދިވެހި ކުޅުންތެރިންގެ އިތުރުން ބިދޭސީ ކުޅުންތެރިންވެސް ޓީމުން ވަނީ ފައިނަލްކޮށްފައެވެ. ދެވަަ ޑިވިޝަންގައި އެޓީމަށް ކުޅުނު އަބޫފަދަ ކުޅުންތެރިން ދޫކޮށްލުމަށްފަހު އާ ކުޅުންތެރިންތަކެއް ވަނީ ހޯދާފައެވެ. ޓީމްގެ ގޯލް ބަލަހައްޓާނީ މިދިޔަ ސީޒަންގައި ނިއުގެ ގޯލް ބެލެހެއްޓި ޖަޕާން ކީޕަރެވެ. މީގެއިތުރުން ޑިފެންޑަރަކާއި، ފޯވާޑާަކާއ، މިޑްފީލްޑަރެއްވެސް ވަނީ ހޯދާފައެވެ. 

" ބޭޜު ކުޅުންތެރިން ފައިނަލްކުރީ މުޅި ބޯޑް މަޝްވަރާކޮށްގެން. ދެވަނަ ޑިވިޝަންގައިވެސް ކުޅުންތެރިން ހޯދަން އެހީވެދިން އެޖެންޓް މެދުވެރިކޮށް ކުޅުންތެރިން ހޯދީ. އަޅުގަނޑުމެން ވަރަށް އިތުބާރުކުރާ އެޖެންޓެއް އެއީ. އެކުޅުންތެރިންގެ ވީޑިއޯއާއި ސީވީވެސް ބެލުމަށްފަހު ރަނގަޅުކަމަށް ފެންނާތީ ގެނައީ. އުމުރުންވެސް މާދުވަސްވީ ކުޅުންތެތިންނެއްނޫން އެއީ. ހަމަ ރަނގަޅުވާނެކަމަށް ވަރަށްބޮޑަށް އުއްމީދުކުރެވޭ. އެކުޅުންތެރިން އަޅުގަނޑުމެންގެ އުއްމީދާ އެއްވަރުވެއްޖެނަމަ އަމާޒަށް ވާޞިލްވުމުގައި އެއީ ވަރަށް ބޮޑު ހިތްވަރެއް " ރާއްޖެއަށް އަލަށް ގެންނަ ތިން ކުޅުންތެރިންނާ ގުޅޭގޮތުން ޞަބާ މިވަގުތު ހުރީ ހިތްހަމަ ޖެހިފައެވެ.

ގްރީން ސްޓްރީޓުން ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރއިރު ޗެލެންޖް ޞަބާއާ ހަވާލުކުރީ އެމީހުންނަށް އޮތް އިތުބާރެއްގެ މައްޗަށެވެ. އަދި ޞަބާ ނަތީޖާ ރެދެދީފައިވާތީއެވެ.

" ޞަބާ އަކީ މިކަން ކުރަން އުޅޭ ޒުވާން ކޯޗެއް. ވަރަށް ބޮޑަށް މިކަމާ އުޅޭ، އަޅުގަނޑުމެންނާ ވަރަށް ގުޅޭ ކޯޗެއް. އަޅުގަނޑުމެންނަށް އޭނާއާ މެދު އިތުބާރު އެބައޮތް." ކްލަބްގެ އިތުބާރު ހޯދާފައިވާކަން ފާހަގަކުރަމުން ކްލަބްގެ ރައީސް ބުންޏެވެ.

މިއީ ޞަބާގެ ފުޓްބޯޅަ ކެރިއަރުގައިވެސް އަނެއްކާވެސް އާ ޞަފްހާއެކެވެ. ޗެލެންޖެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އެތައް ކާމިޔާބީއެއް ހޯދާ، އުނދަގޫ ހިތްދަތި އެތައް މަރުހަލާއަކާ ކުރިމަތިލިއެވެ. ނިއުއާއެކު ކާމިޔާބު ދުވަސްތަކެއް ކޯޗެއްގެ ގޮތުގައި ހޭދަކޮށް، އެކްލަބާ ދުރަށްދާން ޖެހުނެވެ. ގްރީން ސްޓްރީޓާއެކު ދެވަނަ ޑިވިޝަން ކާމިޔާބުކަމާއެކު ނިންމާލިއެވެ.

" މިއީ އަނެއްކާވެސް އާ ސަފްހާއެއް. ޗެލެންޖެއް ގޮތުގައި މިކަން ނަގަނީ. އަޅުގަނޑަށް މިކަން ވާނެ. ނިއުގައިވެސް އަޅުގަނޑު ކުރިމަތިލިން. ކާމިޔާބުކުރިން. މިފަހަރުވެސް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މިކަން ވާނެ " ޞަބާއާއެކު ގްރީން ސްޓްރީޓް ދައްކާ ކުޅުމަކީވެސް ފުޓްބޯޅަ ސީޒަންގެ ފޯރިއާ ކާމިޔާބީއާވެސް ގުޅިފައިވާ ކަމެކެވެ.