ޚަބަރު

ހާލުގައި ޖެހިފައިވާ ބޭރުގެ މަސްބޯޓެއް ފެނިއްޖެ


ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހާލުގައި ޖެހިފައިވާ ބޭރުގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހާލުގައި ޖެހިފައިވާ 25 ފޫޓުގެ މަސް ބޯޓެއް ހއ. ތުރާކުނުގެ 30 ނޯޓިކަލް ބޭރުން ފެނިގެން އޮމަދޫ ކަނޑުރޯދި ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުން އެމްއެންޑީއެފްއަށް މިރޭ 20:50 އެހާއިރު އަންގާފައިވާކަމަށެވެ. އަދި އެބޯޓުގައި ދެ މީހުން ތިބި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ދެ މީހުންނާއެކު މަސް ބޯޓު ފެނިފައިވަނީ މިއަދު ހަވީރު 15:45 ކަމަށް ކަންނެލި ދޯންޏާ ހަވާލާދެއްވާ އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މަސް ބޯޓުގައި ތިބި ދެ މީހުންގެ ހާލު ރަނގަޅުކަމަށް "ކަނޑު ރޯދި" ދޯނިން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި މަސް ބޯޓާއި މި މީހުންނަކީ ކޮން ޤައުމެއްގެ ބައެއްތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑައި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މިހާރު ކުރަމުންނެވެ.