ވިޔަފާރި

ޚާއްސަ އިސްކަމެއްދީގެން ދޫގަސް ދަނީ ތަރައްޤީކުރަމުން - އެމްޕީއެލް


އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަކަމަށް އެމްޕީއެލުން ހާމަކޮށްފިއެވެ.

ސަރުކާރުން އެމްޕީއެލްއާ ހަވާލުކުރައްވާފައިވާ ދޫގަސް މަޝްރޫޢު ކުރިއަށްދާގޮތާއި ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ދޫގަސް ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ ޕްލޭންތަކުގެ މަސައްކަތް ނިމިފައިވާކަމަށެވެ. ޖުނައިދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން އެމްޕީއެލްއަށް ދޫގަސް ހަވާލުކުރައްވާތާ ދެ މަސްދުވަހުގެ ތެރޭގައި އެމްޕީއެލުން އެތަނަށް ފަތުރުވެރިން ގެންނާނޭކަމަށެވެ. އެމްޕީއެލްއަށް ދޫގަސް ހަވާލު ނުކުރެވި ލަސްވަނީ އިދާރީގޮތުން ނިންމަވަން ޖެހިވަޑައިގަންނަވާ ކަންކަން ހަމަނުޖެހިގެންކަމަށް ޖުނައިދު ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަދައްކަވަމުން ޖުނައިދު ވިދާޅުވީ، ސަރުކާރުން އެމްޕީއެލްއަށް ދޫގަސް ދެއްވާފައިވަނީ އެމްޕީއެލުން ރިސޯޓް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނޫންކަމަށެވެ. ސަރުކާރުގެ މަޤްޞަދަކީ އައްޑޫ ސިޓީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވުން ކަމަށް ޖުނައިދު ވިދާޅުވިއެވެ.

އެމްޕީއެލުން ހާމަކުރާގޮތުގައި ދޫގަސްއިން ދުއިއްސައްތަ ފަންސާހެއްހާ ވަޒީފާގެ ފުރުސަތު ޒުވާނުނަށް ލިބިގެންދާނެއެވެ. ސަރުކާރުން އެމްޕީއެލްއަށް ދޫގަސް ހަވާލުކުރެއްވުމުގެ ކުރިން ދޫގަސް ހިންގަމުން ގެންގޮސްފައިވަނީ ރާއްޖޭގެ ވިޔަފާރި ކުންފުންޏެއްކަމަށްވާ އެމްވީކޭއިންއެވެ.