ޚަބަރު

2016 - ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދިޔަ


2016 ވަނަ އަހަރަކީ ޗައިނާއާއި ރާއްޖޭގެ ދޭދޭ ގުޅުމުގެ ތެރެއިން އިޤްތިޞާދީ އަދި އިޖްތިމާޢީ ގިނަ މަޝްރޫޢުތަކެއް ފެށްޓެވި، ވަރަށް ކާމިޔާބު އަހަރެއްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ފޫކާން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ މިއަދު ހެނދުނު ޗައިނާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުމުގައި މިމަޝްރޫޢުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޗައިނާ ސަފީރު، ވަން ފޫކާން ވިދާޅުވީ ދެހާސް ސޯޅަވަނަ އަހަރަކީ ޗައިނާއާއި ރާއްޖޭގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަ އަހަރެއްކަމަށެވެ. އަދި ދެޤައުމަށްވެސް ފައިދާ ކުރުވަނިވި ވަރަށް ކާމިޔާބު މަޝްރޫޢުތަކެއް މިދިޔަ އަހަރު ފަށްޓަވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދަވާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢާއި، ހައްދުންމަތީ ބޮޑުމަގުގެ މަޝްރޫޢު އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގެ މަޝްވަރާތައް ސަފީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

"ދެޤައުމުގެ މެދުގައިވާ ދޭދޭ ގުޅުން މިދިޔަ އަހަރު ތެރޭގައި ވަނީ އިތުރަށް ހަރުދަނާކުރެވިފައި. މިގޮތުން ސިޔާސީ ރޮގުން ދެޤައުމުގެ މެދުގައިވާ އިތުބާރު މިވަނީ ވަރުގަދަކުރެވިފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުހައްމަދު ވަނީ ޗައިނާއަށް ޒިޔާރަތްކޮށް ސިޔާސީ ބޭފުޅުންނާ ބައްދަލްކުރައްވައި ކާމިޔާބު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި. އިޤްތިޞާދީ ގުޅުމަށް ބަލާއިރު، ޗައިނާއާއި ރާއްޖެއިން ފްރީ ޓްރޭޑް އެގްރީމަންޓްގެ ހަތަރުވަނަ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިންމާފައި. ޗައިނާގެ އެހީތެރިކަމާއެކު ލ.އަތޮޅު ލިކް ރޯޑް މަސައްކަތްވެސް ވަނީ ނިންމާފައި. އަނެއްކޮޅުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓްގެ ފަންސަވީސް އިންސައްތަ މިވަނީ މިހާރު ނިންމާފައި. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިޔަށްދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫވެސް ވަރަށް ކާމިޔާބުކަމާއެކު ދަނީ ކުރިޔަށް" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަން ފޫކާން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޤައުމުގެ އިޤްތިޞާދު އާރާސްތުކުރުމަށް ކުރައްވާ މަސައްކަތަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރާއްޖެއިންވެސް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ތާއީދުކޮށް މަސައްކަތްކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭއާއި ޗައިނާގެ ރައްޔިތުންގެ މެދުގައިވާ ގުޅުންވެސް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ފަރާތްތަކާއި، ކިޔަވާ ކުދިންނާއި، ކުޅިވަރު ކުޅުންތެރިންވެސް އެކި ދަތުރުތަކުގައި ޗައިނާއަށް މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. ޗައިނާއިން ވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް މިދިޔަ އަހަރު އެކަނިވެސް ސަތޭކައަށްވުރެ ގިނަ ތަމްރީން ފުރުޞަތު ފަހިކޮށްދީފައެވެ. 

ސަފީރު ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖޭގެ ޢުމްރާނީ އަދި އިންސާނީ ވަޞީލަތް ބިނާކުރުމުގެ މަސައްކަތަށް އެހީތެރިކަން ފަހިކޮށްދެމުންދާނެކަމަށެވެ.