ޚަބަރު

އައު އަހަރާ ދިމާކޮށް ފުލުހުން ހިންގެވި އޮޕަރޭޝަން ނިންމާލައިފި


މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭއާއި މާލެ ހިމެނޭ ސަރަޙައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގެވި ޚާއްސަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފާރަގެމަ ބޭނުންކޮށްގެން ހިންގެވި މިއޮޕަރޭޝަންގައި 1004 މީހަކު ބަލާ ފާސްކޮށް، ކޯޓު އަމުރެއްގެ ދަށުން 21 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ތެރެއިން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ 62 މީހަކާއި މަސްތުގެ ހާލަތުގައި ތިބި 34 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއޮޕަރޭޝަނުގައި ހޭޝް އޮއިލްކަމަށް ބެލެވޭ 1.347 ކިލޯގްރާމްގެ ތަކެއްޗާއި ހެރޮއިންކަމަށް ބެލެވޭ ބައި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން 14 ބަނގުރާ ފުޅި އާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 2 ފުޅިވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މީގެއިތުރުން މި އޮޕަރޭޝަންގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 279000 އަށްވުރެ ގިނަ ރުފިޔާ އަތުލައިގަނެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފަށައިގެން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ހިންގެވި ހާއްސަ އޮޕަރޭޝަނެކެވެ.