ކުޅިވަރު

އަންނަ އަހަރު އަލުން ޕޮމިސްކަޕް ފަށަން ނިންމައިފި


ދެ އަހަރުން އެއް އަހަރަށް ބަދަލުކޮށް، އަންނަ އަހަރު އަލުން ޕޮމިސްކަޕް ފަށަން އެފްއޭއެމްއިން ނިންމައިިފިއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕޮމިސްކަޕް ޚާއްޞަކޮށްފައިވަނީ ޤައުމީ ޓީމްތަކުގެ މެދުގައި ކުޅޭ މުބާރާތަކަށް ކަމަށެވެ. ސާފް ޗެންޕިއަންޝިޕް ކުޅޭ ގޮތަށް ޕޮމިސްކަޕް ބަދަލްކޮށް މިއަންނަ އަހަރުގެ ޖޫން މަހުގެ ހިސާބުގައި މުބާރާތް ބޭއްވުމަށް މިހާރު ރާވަމުންދާކަމަށް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމްއިން ދަނީ މިހާރުވެސް އެމުބާރާތުގެ މަސައްކަތް ކުރަމުންކަމަށް ބައްސާމް ވިދާޅުވިއެވެ. މިއަހަރު ޕޮމިސްކަޕް ނުބާއްވަން ނިންމާފައިވަނީ މިއަހަރަކީ ގައުމީ ޓީމަށް ވަރަށް ބާރު ބޮޑު އަހަރަކަށް ވާތީއާ، ޤައުމީ ޓީމް ކުޅެންޖެހޭ ގިނަ މެޗުތަކެއް ހުރުމުގެ ސަބަބުންކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެފްއޭއެމްގެ މުބާރާތްތަކުގެ ފޯމެޓަށް ގެނެވުނު ބަދަލުއާއެކު މިއަހަރަކީ ފުޓްބޯޅަ ސީޒަނަށް ގިނަ ބަދަލްތަކެއް އަންނާނެ އަހަރަކަށް ވާތީކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

 ޕޮމިސްކަޕް ކުޅުމަށް މިހާރު ނިންމާފައިވަނީ ސާފް ޗެންޕިއަންޝިޕް މުބާރާތް ކުޅޭ ގޮތަށް، އެފޯމެޓަށް ނަމަވެސް މިސަރަހައްދުގެ ޤައުމްތަކުގެ ބަދަލުގައި މުބާރަތުގެ ދައުވަތު ދޭނީ ސާފުން ބޭރުން އެހެން ސަރަހައްދުގެ ގައުމްތަކާއެކުކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެން ޖަވާޒް ވިދާޅުވީ މިސަރަހައްދުން ބޭރުން ސިންގަޕޫރު އަދި މެލޭޝިޔާފަދަ ގައުމްތައް ލައިގެން ރާއްޖެއާއެކު ހަތަރު ގައުމް ހިމެނޭ ގޮތަށް ޕޮމިސްކަޕް ބޭއްވުމަށް ވިސްނަމުންދާކަމަށެވެ. ނަމަވެސް މުބާރާތް އަަދި މިއަންނަ އަހަރު އޮތުމުން އަންނާނީ ކޮން ގައުމްތަކެއްކަން ބުނަން އަވަސްކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. މިއަންނަ އަހަރު މުބާރާތުގެ ބަޖެޓް އެކުލަވާލާއިރު އަދި މިއަށް ވުރެ ގައުމްތައް ގިނަ ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ޖަވާޒް ވިދާޅުވިއެވެ. 

ޕޮމިސްކަޕަކީ ރާއްޖޭގެ ގަދަ ހަތަރު ޓީމާއެކު ބޭރުން ދެޓީމް ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ އަދި ދިވެހި ފުޓްބޯޅައަށް ކުރިއެރުންތަކެއް ގެނައި މުބާރާތެކެވެ.