ޚަބަރު

އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރެއްވި ޙުކުމްގައިވާ ބައެއް ކަންކަން އޮޅުންފިލުއްވުމުގެ ގޮތުން ޙުކުމެއް ހޯއްދެވުމަށް އެކޮމިޝަނުން ހައިކޯޓަށް ހުށައެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައި އަނބުރާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ހައިކޯޓުން ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެއްވި ޙުކުމްގައިވާ ބައެއް ކަންކަން އޮޅުންފިލުއްވުމުގެ ގޮތުން ޙުކުމެއް ހޯއްދެވުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލައެއް ހުށަހެޅުއްވީ، މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބު ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސްގެ މައްޗަށް ކުރެއްވި ޙުކުމްގެ ސަބަބުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ހައިކޯޓުގައި ކުރިން އިސްތިއުނާފުވެސް ކުރައްވާފައެވެ. ނަމަވެސް ފަހުން އެ ކޮމިޝަނުންވަނީ އެ މައްސަލަ އަނބުރާ ގެންދަވާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުއްވީ، ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދެއްވުމަށް އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުއެވެ.