ވިޔަފާރި

ޑޮލަރު ގަތުމަށް ފަސޭހަ ނިޒާމެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި


ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އައު ނިޒާމެއް ތަޢާރަފްކޮށްފިއެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އޮންލައިން މެދުވެރިކޮށް ބުކިން ހައްދައިގެން ޑޮލަރު ގަނެވޭނޭކަމަށެވެ. އިންޓަރނެޓް މެދުވެރިކޮށް ބުކިން ނެހެދޭ މީހުންނަށް ބީއެމްއެލްގެ ބްރާންޗުތަކަށް އައުމުން ބުކިންގ ހެދޭނޭކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ. 

މިބަދަލާއެކު ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ބޭންކް އޮފް މޯލްޑިވްސް ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މިގޮތުން ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލާރާ ހަމައަށެވެ. އަދި ފުރުމަށް ޗެކްއިން ވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެއެވެ. އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެއެވެ. ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއަރޕޯޓަކުން ދަތުރުކުރާ ނަމަ، އެއަރޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ.

ބޭންކުން އަލަށް ތަޢާރަފް ކުރެއްވި މި ނިޒާމާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ވޭތުވެދިޔަ ހަފްތާތަކުގައި އެމްއެމްއޭ އިން ދަތުރުވެރިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ފާހަގަކޮށްލެވޭ ޚިދުމަތެއް ފޯރުކޮށްދީފައިވާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14568308593826.jpg|ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ - ފޮޓޯ: ޕީއެސްއެމް

ބޭންކުގެ ބްރާންޗްތަކަށް ގޮސް ކިޔޫއެއްގައި މަޑުނުކޮށް އަލަށް ތަޢާރަފްކުރެވުނު އޮންލައިން ބުކިންގ ސިސްޓަމް އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ގާއިމްކޮށްފައިވާ ޑޮލަރު ދޫކުރާ ކައުންޓަރުތައް ބޭނުންކޮށްގެން ވަރަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ހީލީ ވިދާޅުވިއެވެ. ޑޮލަރު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ބުކިންގ ހެދުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ދަތުރުވެރިން ފުރުމަށް އެއަރޕޯޓަށް ދާއިރު ޑޮލަރު ނެގޭނެ އިންތިޒާމު ހުންނާނީ ހަމަޖެހިފައިކަމަށް ހީލީ ވިދާޅުވިއެވެ.

ހީލީ ވިދާޅުވީ، އައު ސިސްޓަމްގެ ސަބަބުން މިގޮތަށް ދޫކުރާ ޑޮލަރު ލިބޭނީ ހަމައެކަނި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށްކަން ޔަގީންވެގެންދާނޭކަމަށެވެ. އެހެންކަމުން ބޭސްފަރުވާއަށާއި ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭއިން ބޭރަށްދާ މީހުންނަށް ޑޮލަރު ފޯރުކޮށްދެވޭ މިންވަރު އިތުރުވެގެންދާނޭކަމަށްވެސް ހީލީ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލްއިން ޑޮލަރު ދޫކުރުމަށް ނިންމާފައިވާއިރު، މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިންނެވެ.