ޚަބަރު

މެރިން ޕޮލިހަށް ހުށަހެޅުނު ހުރިހާ މައްސަލައެއް ނިމިއްޖެ


2016 ވަނަ އަހަރު މެރިން ޕޮލިސްއަށް ހުށަހެޅުނު ހުރިހާ މައްސަލައެއްގެ ތަހުޤީގް ނިމިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ. 

ޕޮލިހުން ވިދާޅުވީ 2017 ވަނަ އަހަރު ފެށުމުގެ ކުރިން މެރިން ޕޮލިސް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅިފައިވާ ހުރިހާ މައްސަލަތަކެއްގެ ތަހުޤީޤް ނިންމާލުމަށް “ހަރަކާތް އައްސިދަ”ގެ ނަމުގައި އެޔުނިޓްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން ގުޅިގެން ޚާއްސަ މަސައްކަތްތަކެއްކޮށް ހުރިހާ މައްސަލަތަކެއްގެ ތަހްޤީޤް ނިންމާލާފައިވާކަމަށެވެ. 

މިހަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ އެކަން ފާހަގަކުރުމަށް މެރިން ޕޮލިހުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ޝަރަފްވެރިކޮށްދެއްވި މިރަސްމިއްޔާތުގައި، ސަޢުދީ ވަނީ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމަށް މެރިން ޕޮލިހުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި ހުށަހެޅޭ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވައި މެރިން އިންވެސްޓިގޭޝަންގެ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ހިތްވަރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހުގެ އިސް އޮފިސަރުންނާއި ފުލުހުންގެ އެހެން ބައެއް ޑިޕާޓްމަންޓްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.