ވިޔަފާރި

ރާއްޖޭގެ އެކައުންޓަކުން ފައިސާ ނަގާނަމަ ޓެކްސް ދައްކަންޖެހޭނެ


ބިދޭސީން ރާއްޖޭގައި ހުޅުވާފައި ހުންނަ ބޭންކު އެކައުންޓުތަކުން، ބޭރު ޤައުމެއްގައި ހުރެ ފައިސާ ނަގާއިރު ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް މީރާއިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ބޭންކެއް ނުވަތަ ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ އޭޖެންސީއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު، ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ގެންދަވަނީ ނަންގަވަމުންނެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނެވި 5 ވަނަ އިސްލާޙާއެކު އެޤާނޫނަށް ރެމިޓެންސް ޓެކްސްއާ ބެހޭ ބާބެއް އިތުރު ކުރައްވާފައިވެއެވެ. އެ ބާބުގައި ބުނާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި 3 ޕަސެންޓު ނެގޭނެއެވެ. ގާނޫނު ބުނާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނެވި 5 ވަނަ އިސްލާޙުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ވިސާ ލިބިފައިވާ ކޮންމެ ބިދޭސީ މީހެއްގެ ނަމުގައި ރާއްޖޭގައި ހުރި ބޭންކެއްގައި އެ ފަރާތަކަށް ވަޒީފާ ދިން ފަރާތުން، ބޭންކް އެކައުންޓެއް ހުޅުވައިދޭން ޖެހެއެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތުން ސަރވިސް ޗާޖާއި، މުސާރައިގެ ގޮތުގައި ދެވޭ ފައިސާގެ ޢަދަދެއް ދޭންޖެހޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި، އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް މެދުވެރިކޮށް ކަމަށްވެސް އެ ޤާނޫނުގައިވެއެވެ.